އެއްވެސް މީހަކަށް އަނިޔާދީ އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެފައި ނުވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕޭންގައި މިރޭ ފުވައްމުލަކުގައި އެތައް ސަތޭކަ ބަޔަކާއިއެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުމަށް ދެތިން ދުވަހަށް ވުމުން ޒާތީގޮތުން މީހާއާއި ދިމާކޮށް، ކަނޑައެޅިގެން ދޮގު ބުހުތާނުތައް އިންތިހާއަށް ފަތުރަމުންދާކަމަށެވެ. މުއިއްޒު ވިދާޅުވީ ދުވަހަކުވެސް ނުހައްގުން އެއްވެސް މީހަކަށް އަނިޔާއެއްދީ، މީހެއްގެ ހައްގަކަށް އަރައި ގަނެފައި ނުވާނެކަމަށެވެ.
އެފަދަ ތުހުމަތު ކުރައްވާ ފަރާތްތަކުން ކަމާއި ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅުއްވައި ބެލުމަކީ ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ބަލާނަމަ އަދުލުވެރިކަމާއި އިންސާފާއިއެކު ބެލުމަކީ ވަރަށް އެދޭކަމެއް ކަަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ނޯންނާނެ އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެފަ. ދުވަހަކުވެސް އިރާދަ ކުރެއްވިއްޔާ އަރައި ނުގަންނާނަން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ މީހެއްގެ ހައްގަކަށް އަރައި ނުގަނެ ކޮންމެ ދުވަހުކު ގެޔަށް ގޮސް ނިދާލައި ހަމަޖެހިލައިގެން އަނެއް ދުވަހު ހޭލުމަށް. މިހާތަނަށް އެސްވެސް މީހެއްގެ ހައްގަކަށް އަރާގަނެފައި ނުވާނެ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޒާތީ ގޮތުން ދިމާކޮށް އަބުރަށް އަރައި ގަންނަމުންދަނީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރި ކުރުމަށް މަސައްކަތް ކުރާތީ ކަމަށެވެ. ނަމަވެސް މިމަސައްކަތަކީ ހުއްޓުވޭނެ މަސައްކަތެއް ނޫންކަމަށާއި، ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް، މިޤައުމުގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއްގައި ސާބިތުވެ ހުންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަކީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހުވެސް ކުރާނެ ކަމެއް ކަަމަށެވެ. އެކަން ކުރުމުގައި ރައްޔިތުން ދެވަނަ ބުރުގައި ބޮޑު އައުލަބިއްޔަތެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ