ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ދެކުނުގެ އަތޮޅުތަކަށް ދަތުރުފުޅެއް ފަށްޓަވާނެކަމަށް ކެމްޕެއިން ޓީމުން ބުނެފިއެވެ.
މުޢިއްޒުގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދެކުނުގެ އާބާދީ އެންމެ ބޮޑެތި ރަށްތަކަށެވެ. އެއީ މީގެ ކުރިންވެސް ވަޑައިގެންނެވި ރަށްތަކެކެވެ. އެގޮތުން ލ.ގަން، ގއ.ވިލިނގިލި، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓިއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މުޢިއްޒު ގެންދަވަނީ މާލެއާއި އަތޮޅުތަކުގައި ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ބާއްވަވަމުންނެވެ. އެގޮތުން އެއް ދުވަހެއްގެ ތެރޭގައި 11 ރަށަށްވެސް ވަޑައިގެންފައި އެބަހުއްޓެވެ. ދާދިފަހުން މުއިއްޒު ވަނީ 10 ދުވަހުގެ ތެރޭގައި 50އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ.
މުއިއްޒު ވަޑައިގަންނަވާ ހުރިހާ ރަށަކުންވެސް ގެންދަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމުންނެވެ.
ދެވަނަ ބުރަށް ކެމްޕެއިން ދަތުރުތަށް މުއިއްޒު ފެއްޓެވީ މިމަހުގެ 13ގައެވެ. ޑރ.މުއިއްޒު ގެންދަވަނީ ވަރަށް ޖޯޝުގަ ކެމްޕެއިން ކުރައްވަމުންނެވެ. މުއިއްޒުގެ ކެމްޕެއިން ހަރަކާތް މިރޭވެސް ކުރިއަށް ދާނެއެވެ. އެގޮތުން ކެމްޕެއިން ޖަލްސާ ކުރިއަށްދާނެކަމަށް ޕީޕީއެމުން ބުންޏެވެ.