ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ކެމްޕެއިން ދަތުރުފުޅެއްގައި މާދަމާ ގދ.ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް، އެރަށު ރަސްމީ ފާލަމުގައި ކަޅުދާ ޖަހައި ބަންދުކޮށްފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕެއިންގައި ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންނަނީ ގިނަ ރަށްތަކަކަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ކެމްޕެއިންގެ އެންމެ ފަހު ދުވަސްތަކުގައި ރާއްޖޭގެ ބޮޑެތި ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލ.ގަން، ގއ.ވިލިނގިލި، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މުޢިއްޒު މިއަދު ވަޑައިގަންނަވަނީ ލ.ގަމަށެވެ.
އަދި މާދަމާ ގދ.ތިނަދޫއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު އެރަށް ވަނީ ޑރ.މުޢިއްޒަށް މަރުހަބާ ކިއުމަށް ވަރަށް ބޮޑަށް ތައްޔާރުވެ ޒީނަތްތެރިކޮށްފައެވެ. ތިނަދޫގެ ގިނަ ޢަދަދެއްގެ ބަޔަކު މުޢިއްޒަށް މަރުހަބާ ކިޔުމަށް ނިކުންނާނެކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ތިނަދޫއަށް މުޢިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ވަނީ، އެރަށު ރަސްމީ ފާލަަން ކަޅުދާ ޖަހައި ވަނީ ބަންދުކޮށްފައެވެ.
އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ، އެއީ މުޢިއްޒުގެ ކެމްޕެއިންނަށް ހުރަސް އެޅުމަށް އޭނާއާއި ވާދަވެރި ބައެއް ފަރާތްތަކުން ކޮށްފައިވާ ދަށު ދަރަޖައިގެ ޢަމަލެއްކަމަށެވެ. އަދި އެކަން ބަލައި ނުގަނެވޭނެކަމަށް ބުންޏެވެ.
ނަމަވެސް މުޢިއްޒަށް މަރުހަބާ ކިއުމަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ނިކުންނާނެކަމަށްވެސް ބުންޏެވެ.
މުޢިއްޒު ވަނީ މީގެ ކުރިންވެސް ތިނަދޫއަށް ވަޑައިގެން އެރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމ ބުރުގެ ވޯޓުލާން ދެތިން ދުވަހަށް ވެފައި ވަނިކޮށް، އެރަށަށް ރައީސް ޞާލިޙް ސިޓީއެއްގެ ދަރަޖަދިންނަމަވެސް، ތިނަދޫގެ ސާފު މެޖޯރިޓީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަނީ ހޯއްދަވާފައެވެ.