މި ދުވަސްކޮޅު ވީހާވެސް މަދު ބަޔަކު އެއަރޕޯޓަށް ދިއުމަށާއި ދަތުރުވެރިންނާ ބައްދަލުވާ މިންވަރު މަދުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނީ މި ދުވަސްކޮޅު އެއަރޕޯޓަށް އަންނަ ފްލައިޓްގެ އަދަދު ބޮޑުތަނުން އިތުރުވެފައި ވާކަމަށެވެ. އެހެންކަމުން ޒަރޫރީ ބޭނުމަކު ނޫނީ އެއަރޕޯޓަށް ނޭރުމަށް އެމްއޭސީއެލުން އިލްތިމާސް ކުރެއެވެ. އަދި ކޯވިޑްގެ ނުރައްކަލުން އަދިވެސް މުޅިން އެއްކޮށް ސަލާމަތް ނުވާ ކަމަށާއި ރާއްޖެއަށް ކޯވިޑް-19ގެ ބިރުވެރިކަން އަދިވެސް އޮތްކަން ފާހަގަކޮށް އެއަރޕޯޓު ބޭނުންކުރާ ފަރާތްތަކުންދޭ އެއްބާރުލުންވެސް އެމްއޭސީއެލުން ވަނީ ފާހަގަކޮށްފައެވެ. މިއީ އެންމެންގެ ސަލާމަތަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް އެމްއޭސީއެލުން ފާހަގަކުރެއެވެ.
As we are experiencing high traffic figures, we advise & highly recommend to minimize meet & greet passengers @VelanaAirport. Pls refrain from unnecessary visits to airport as #COVIDー19 is still critical to us.
Thank you for your support. This measure is to safeguard everyone. pic.twitter.com/LDbFzoeye6— Maldives Airports Company Ltd – MACL (@MACLmedia) December 8, 2020
ރާއްޖެއަށް ދަތުރުކުރާ މީހުނާއި އެއަރލައިންތަކުގެ އިތުރުން ޕްރައިވެޓް ޖެޓްގެ އަދަދު ފިނިމޫސުމާ ދިމާކޮށް ބޮޑުތަނުން ބަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ފާހަގަކުރެވުނު އެއަރޕޯޓް އެންމެ ބިޒީ އެއް ދުވަހަކީ މިދިޔަ ހޮނިހިރު ދުވަހެވެ. ރާއްޖެއަށް މުޅިން އަލަށް 2 އެއަރލައިންކުން ދަތުރުވެސް ފެށި އެދުވަހު 352 އެއަރޓްރެފިކް މޫވްމެންޓް ރިކޯޑުކުރެވިފައި ވާކަމަށް އެމްއޭސީއެލުން މަޢުލޫމާތު ދެއެވެ. އެއީ ގާތްގަޑަކަށް އެތެރެއާއި ބޭރުން ދަތުރުކުރި 3100 އަށްވުރެ ގިނަ ދަތުރުވެރިންނެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަދުވަހު ހުޅުވާލުމުން ފުރަތަމަކޮޅު ރާއްޖެއައި މީހުންގެ އަދަދު ދަށްކޮށް ފެނުނު ނަމަވެސް މިހާރު ގާތްގަނޑަކަށް ދުވާލަކު 2000 އަށް ވުރެ ގިނައިން ފަތުރުވެރިން އެކަނި، ރާއްޖެ އާދެއެވެ.
ރާއްޖެ އަންނަ ފަތުރުވެރިން އިތުރެވެފައި މިވަނީ ރާއްޖެއަކީ މިފަދަ ވަގުތެއްގައި އެންމެ ރައްކާތެރި ކަމާއެކު ޗުއްޓީ ހޭދަކޮށްލެވޭނެ މަންޒިލް ކަމަށް ވުމުންނެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ މީހުން އިތުރު ވީވަރަކަށް އެއަރލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރުތައްވެސް އިތުރުކުރަމުން ދާއިރު، ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ނިމެންވާއިރަށް ރާއްޖެއަށް ދަތުރުކުރާ އެއަރލައިންގެ އަދަދުވެސް 26 އަށް އަރާނެއެވެ.