ނޮވެމްބަރު މަހު އޮލިމްޕަށް ގެންނަން އަމާޒު ހިފައިފައިވާ ފިލްމު "ފްރީ ޑެލިވަރީ" ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" މި އަހަރުގެ ނޮވެމްބަރު 4 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައި އެކަން އިއުލާން ކޮށްފައިވާ ފިލްމްއެކެވެ.
މި ފިލްމްގެ ލަވައިގައި ފިލްމްގެ ކާސްޓު ފެނިގެންދެއެވެ. ލަވައިގައި ކިޔައިދެނީ ސިފަ ހުންނަ ގޮތުން ފާޑުކިޔުންތައް އަމާޒުވާ ބައެެއް ކަންކަމުގެ ވާހަކަ އެވެ. މި ލަވަ ކިޔައިފައިވަނީ ހުސެއިން ސިމާހް (ބަޖިއްކޮ)، އައިޝަތް ހުމައިޝާ ޔޫސުފް އާއި އަހުމަދު އިފްނާޒް ފާރިގް އަދި އަހުމަދު ޝާރިފް އެވެ.
ފިލްމުގެ ކާސްޓްގައި ގިނަ އާ ތަރިންތަކެއް ހިމެނޭއިރު ލީޑުން ފެނިގެންދާނީވެސް އާ ތަރިންތަކެއް ކަމަށްވެސް ފިލްމް ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ވަނީ ބުނެފައިއެވެ. މި ފިލްމް ޕްރޮޑިއުސް ކުރަނީ އާސިމް އަލީ އެވެ.
މި ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ވެބް ސީރީޒްތައް ކަމަށްވާ "މަޒުލޫމް" އާއި "ދަރަކަ" އުފެއްދި ކަޒްމިކް އިންޓަނޭޝަނަލްގެ އުފެއްދުމެެކެވެ. އަދި މިއީ އިއްލެ ބެލުންތެރިންނަށް ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމެވެ. ދެހާސް ނަވާރައިގެ "ބަވަތި" ގެނެސްދިން ޑައިރެކްޓަރޔގެ ދެވަނަ ފިލްމަކީ މިދިޔަ މަހު އޮލިމްޕަހުގައި ދެއްކި ކްރައިމް ތުރިލާ "ނީނާ" އެވެ.