ސަރުކާރުން މިހާރުވާ ވައުދުތަކަކީ ވެރިކަން ނުލިބޭނެކަން ޔަގީން ވުމުން ޖެއްސުމަށްވާ ވައުދުތަކެއް: ސެމްބެ

ސަރުކާރުން މިހާރުވާ ވައުދުތަކަކީ ވެރިކަން ނުލިބޭނެކަން ޔަގީން ވުމުން ޖެއްސުމަށްވާ ވައުދުތަކެއް: ސެމްބެ

Author
މުޙައްމަދު ޝަޒައިމް
23 ސެޕްޓެމްބަރ 2023 08:51
0

ސަރުކާރުން މިހާރުވަމުންދާ ވައުދަކީ ވެރިކަން ނުލިބޭނެކަން ޔަގީން ވުމުން ޖެއްސުމަށްވާ ވައުދުތަކެއް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރައްޔިތުންގެ ތައީދު ހޯދުމަށް ހުއްޓުމެއްނެތި ޕީޕީއެމް ޕީއެންސީ އަދި އެމްއެންޕީގެ ޓީމުތަކުން ހުއްޓުމެއްނެތި ކުރަމުންދާ ކެމްޕޭންގައި ރަނިންމޭޓް ސެމްބެ ވަނީ ކޮޅުބަށް ވަޑައިގެން އެތާ ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. ސެމްބެ ވިދާޅުވީ ރައްޔިތުން ވަނީ 9 ސެޕްޓެމްބަރުގައި ނެގުނު ވޯޓުގައި ސަރުކާރުން ބޮޑެތި ގޯސްތައް ހަދައި ވެރިން ރައްޔިތުންނަށް ޚިޔާނާތް ވެފައިވާކަން ހާމަކޮށްދީފައި ކަމަށެވެ.

އޭގެފަހުން ދެވަނަ ބުރުގެ ވޯޓުގެ ކުރިން ފެނިގެންދަނީ އެމްޑީޕީއަށް ރައްޔިތުންގެ ކައިރިއަށް ދާން ނުކެރި ހުއްޓުން އަރާފައިވާތަން ކަމަށެވެ. ނަމަވެސް މާލޭގައި ދޭތެރެއަކުން ބާއްވާލާ ކަންމަތީ ކުޑަ ބައްދަލުވުންތަކުގައި އެއްވެސް ދިރާސާއެއް ކަންކުރާނެ ގޮތެއް ބެލުމެއްނެތި ވަމުންދާ ވައުދުތަކަކީ ސީދާ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ވާ ވައުދުތަކެއް ކަމަށް ސެމްބެ ވިދާޅުވިއެވެ.

އެމްޑީޕީގެ އެއްވެސް ހަރަކާތެއް މިހާރަކު ނެތް. މިއަދު މުޅި ރާއްޖެ ގަބޫލު ކޮށްފި ވެރިން ގޯސް ހަދާފައިވާކަމަށް. މިހާރު ރައީސް ޞާލިހު ވާ ވައުދަކީ ވެރިކަން ނުލިބޭނެކަން ޔަގީން ވުމުން ޖެއްސުމަށްވާ ވައުދުތައް.

– ސެމްބެ ވިދާޅުވިއެވެ.

ސެމްބެ ވިދާޅުވީ ރާއްޖޭގެ ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމް ހާސިލްކޮށްގެން ރާއްޖެއަށް އަންނަ ދަރިވަރުންނަށް އަދާކުރާނެ ވަޒީފާއެއް ނެތި މަގުމަތުކޮށްފައިވާކަމީ މިއަދު ފެންނަ އޮތް ހަގީގަތް ކަމަށެވެ. ތައުލީމީ ގޮތުން އެންމެ މަތީފާސް ނަގައިގެން ރާއްޖެއަށް ގޮސް ވަޒީފާއެއް ނުލިބި ތިބި ކުދިން ގިނަ ވުމަކީ ކަންބޮޑުވުމެއްކަމަށް ސެމްބެ ވިދާޅުވިއެވެ.

މިސަރުކާރުން ވަނީ ޒުވާނުން ބާކީކޮށް، މަގުމަތި ކޮށްފައި ކަމަށާއި، އެކަން ބަދަލުކޮށް ޒުވާނުންނަށް ހައްގު މިންވަރު ލިބޭ ގޮތަށް ވަޒީފާގެ ތަނަވަސް ފުރުސަތުތަކެއް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަށަވަރު ކޮށްދެއްވާނެ ކަމަށް ސެމްބެ ވިދާޅުވިއެވެ. ހަަމަ މިއާއިއެކު ލަންކާއާއި، އެހެން ޤައުމުތަކުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލު ގެނެސްދޭނެ ކަމަށް ސެމްބެ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.