ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށްޓަކައި، ވެރިކަމާ ހަވާލުވެ ފުރަތަމަ ދުވަހު މަސައްކަތް ފަށާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން ވޯޓުލާއިރު، އޮތީ މިނިވަންކަމުގެ ބޮޑު ސުވާލެއްގެ ތެރޭގައިކަމަށެވެ. ރާއްޖޭގައި ބޭރުގެ ޤައުމުތަކުގެ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ މިނިވަންކަމަށް ހުރަސް އެޅޭ ނުރައްކާތެރި ކަމެއް ކަމަށާއި، ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު އެމީހުން ބޭލުމުގެ މަސައްކަތް ފަށާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ފަށާނަން. އެއީ އަޅުގަނޑު ކުރާނެކަމެއް. އިރާދަކުރެއްވިއްޔާ ތިޔަ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއިއެކު އަޅުގަނޑު އެކަން އޮންނަ ހަމަތަކުގެ މަތީން ކުރާނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު ބައްޓަން ވެފައިވަނީ ވަކި ޤައުމަކަށް އެކަނި ބަރޯސާވާ ގޮތަށް ކަމަށެވެ. ހުރިހާ ކަމެއް ބަރޯސާ ވެފައިވަނީ އެންމެ ޤައުމަކަށް ކަމަށާއި މިއީ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ އެންމެ ކައިރިން އޮތް އިސްލާމީ އެންމެ ބޮޑު އެއް ޤައުމު ޕާކިސްތާނަށް ރާއްޖޭގެ ސަރުކާރުން ވަޑައި ނުގެން އިސްކަން ނުދެއްވަންވީ ސަބަބެއް ނުވިސްނޭކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމަ މިއާއިއެކު އަރަބި އިސްލާމީ ޤައުމުތަކާއި އޮތް ގުޅުން ހީނަރުވެ، އެޤައުމުތަކަށްވުރެ އެހެން ބައެއް އިސްކޮށްގެން ޚާރިޖީ ސިޔާސަތު ބައްޓަން ކުރާތަން ފެންނަ ކަމަށެވެ. މިއީ ވަރަށް ދެރަ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިކަން ބަދަލުކޮށް ހުރިހާ ޤައުމަކާއި ޚާއްސަކޮށް ޢަރަބި އިސްލާމީ ޤައުމުތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޭރުގެ އަސްކަރީ ސިފައިން ތިބުމުގެ އިތުރުން ރާއްޖޭގެ އެކި ތަންތަން ވިއްކާލުމާއި، އަޑިނޭގޭ އެއްބަސްވުންތަކެއް ހުރިކަމީވެސް މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމަ މިއާއިއެކު ރާއްޖޭގެ މުޅި އިޤްތިޞާދުވެސް ބައްޓަން ވެފައިވަނީ ވަކި އެންމެ ޤައުމަކަށް ކަމަށާއި، އޭގެ ސަބަބުން އަޅުވެތިކަމަށް އޮތް ނުރައްކާ ބޮޑުކަމަށް މުއިއްޒު ވިދާޅުވިއެވެ.