މިއަދު ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައުމަށް ކުރަމުންދާ މަސައްކަތަކީ އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ޚިދުމަތްދެވޭ ގޮތަށް ވަކި އަމާޒެއް އޮވެގެން ކުރެވޭ މުހިންމު ޤައުމީ މަސައްކަތެއް ކަމުގައި އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ބ. ދޮންފަނަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ދިވެހި ރައްޔިތުން މިޤައުމީ މަސައްކަތަށް ބޮޑު އެއްބާރުލުމެއް ދެއްވި ކަމަށެވެ. ދެވަނަ ބުރުގައި މިތާއީދު އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ މާބޮޑު ފޯރިއަކާއި ޖޯޝެއް ހުރިތަން ފެންނަ ކަމަށާއި، މިޤައުމީ މަސައްކަތް ކާމިޔާބު ކުރުުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ފެނިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރަށްރަށް ކުރި ދަތުރު ތަކުގައިވެސް ރައްޔިތުންގެ ހާލަތު ވަރަށް ބޮޑަށް ދެނެގަނެވުނު ކަމަށެވެ. އަދި މިހާރު ކުރަމުންދާ ދަތުރުތަކުގައިވެސް އެކަން ދެނެގަނެވެމުންދާކަމަށެވެ. މިމަސައްކަތަކީ ގުޅިގެން ރައްޔިތުން އެދޭ ގޮތަށް ކަންކަން ހާސިލް ކުރުމަށް ބުރަ މަސައްކަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބ. ދޮންފަނަށް މުއިއްޒު ހުށަހެޅުއްވި ވައުދުތައް:
– ސިއްޚީ މަރުކަޒު އަޕްގްރޭޑް ކޮށްދޭނަން
– ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކޮށް އަޕްްރޭޑް ކޮށްދޭނަން
– ކުޑަކުދިންގެ ޕާކެއް ހަދާދޭނަން
– އައުޓްޑޯ ޖިމެއް ހަދާދޭނަން
– މޫދަށް އެރޭ ސަރަހައްދެއް ހަދާދޭނަން
– ބަނދަރު އިތުރަށް ތަރައްޤީ ކުރަން ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެނެސްދޭނަން
– ޔޫތު ސެންޓަރެއްވެސް ހަދާ ދޭނަން
– ފަޅުގައިި ޖާގަ އޮތް މިންވަރަކަށް ބިން ބޮޑު ކޮށްދޭނަން
މުއިއްޒު ވިދާޅުވީ ދޮންފަނުގެ ރައްޔިތުންގެ ތެރެއިން ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން އެއްވެސް ޖެހިލުމެއްނެތި ކެމްޕޭނާއި ގުޅުމަށް އެދިފައެވެ. ކުރިއަށް އޮތް 7 ދުވަހުގައި ވަޒީފާގެ ބިރު ދެއްކިޔަސް ފަސް ނުޖެހި ނިކުނެވުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ. އަދި ނިކުމެގެން ވަޒީފާއިން ވަކިކޮށް ކަމެއް ކޮށްފިނަމަ، ހުރި ވަޒީފާއަށް އެމީހެއްގެ ވަޒީފާ އިޔާދަކޮށް، ހައްގު ކަށަވަރު ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.