ސަރުކާރަށް ބޭނުންވާ އުޅަނދުތައް ބަނުމަށް، ދިވެހިންނަށް ޚާއްސަ އިސްކަމެއް ދޭނަން: މުއިއްޒު

ސަރުކާރަށް ބޭނުންވާ އުޅަނދުތައް ބަނުމަށް، ދިވެހިންނަށް ޚާއްސަ އިސްކަމެއް ދޭނަން: މުއިއްޒު

ސަރުކާރުގެ އެކި ބޭނުންތަކަށް ބޭނުންވާ ކަނޑު އުޅަނދުތައް ބަނުމުގައި ބޭރުގެ ފަރާތްތަކަށް އިސްކަން ދިނުމުގެ ބަދަލުގައި ދިވެހިންނަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރ. އިންނަމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންނާމޫއަކީ އެރަށުގެ ރައްޔިތުން ފެށުނީއްސުރެ ބޯޓުފަހަރާއި، ކަނޑު އުޅަނދު ބަނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ރަށެއް ކަމަށެވެ. ނަމަވެސް އެމަސައްކަތަށް މިސަރުކާރުން މާބޮޑު އިޖާބައެއް ނުދޭކަމަށެވެ. ސަރުކާރަށް ބޭނުންވާ އުޅަނދުތައް ބަނުމުގައި އިސްކަން ދެއްވަނީ ބޭރުގެ ފަރާތްތަކަށް ކަމަށެވެ.

ނަމަވެސް މިކަން ނިމުމަކަށް ގެނެސް ދެން އުފެދޭ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި މިކަން ބަދަލުކޮށް ސަރުކާރަށް ބޭނުންވާ އުޅަނދުތައް ބަނުމުގައި ބިޑްކުރުމަށް ދިވެހިންނަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުންވެސް މުއިއްޒު ވަނީ އިންނަމާދޫގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ހުށަހަޅުއްވާފައެވެ.

އިންނަމާދޫއަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:

– ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮށްދޭނަން
– ސިއްޚީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ވަސީލަތްތައް އިތުރަށް ފުރިހަމަކޮށްދޭނަން
– އޭޓީއެމްއެއް ގާއިމް ކޮށްދޭނަން
– ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާ ރަނގަޅު ދަނޑެއް އަޅާދޭނަން
– ބޯހިޔާ ވަހިކަން ކަށަވަރުކޮށްދޭން ޖާގަ އޮތް މިންވަރަކުން، މަޝްރޫޢުތައް ކުރިއަށް ގެންދާނަން

މުއިއްޒު ވިދާޅުވީ ސަރުކާރާއި ހަވާލުވުމަށްފަހު ޚިދުމަތް ކުރާނީ އެއްވެސް ތަފާތެއްނެތި ހަމަހަމަ އުސޫލުން ކަމަށެވެ. އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންކަމަށާއި، ރައްޔިތުން ނޭދޭ ގޮތަކަށް ވެރިކަން ކުރުމުގެ ޖާގަ ނޯންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *