ވެރިކަމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ޝަރަފެއް ނޫންކަމަށާއި، އެއީ ރައްޔިތުން ހަވަލު ކުރާ ވަރަށް ބޮޑު އަމާނާތަކައި މަސްއޫލިއްޔަތެއް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ވެރިކަމަކީ ޝަރަފެއްގެ ގޮތުގައި ދެކޭނަމަ އެކަމުން ކުރާނެ މަންފާއެއް ނޯންނާނެކަމަށެވެ. ވެރިކަން ހަވާލު ކުރަނީ ރައްޔިތުން ކަމަށްވާއިރު، އަބަދުވެސް ރައްޔިތުން އިސްކޮށްގެން ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެންމެ ފުރަތަމަ ވާޖިބަށް ހަދަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ތައީދާއިއެކު ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެއީ ޝަރަފެއްކަމަށް ދެކި ރައްޔިތުންނަށް ވެވަޑައި ގަންނަވާ ވައުދުތަކާއި ހަވާލު ކުރާ އަމާނާތްތަކަށް ޚިޔާނާތްތެރި ނުވާނެކަމަށެވެ. މަސައްކަތް ކުރައްވާނީ ވަރަށް އަމާނާތްތެރި ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ޤަބޫލެއް ނުކުރަން ވެރިކަމަކީ ބޮޑު ޢިއްޒަތެއް ޝަރަފެއްގެ ގޮތުގައެއް. މިއީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް. ޒިންމާއެއް. މަސްއޫލިއްޔަތެއް. އަޅުގަނޑު މިއަންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ރައްޔިތުންނަށް މިކަން ކޮށްދޭން. މި އަމާނާތް އަދާކޮށް މި ޒިންމާ އުފުލައި، ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެކަމުގެ ޔަގީންކަން އޮތީމާ އަޅުގަނޑު މި މަޤާމަށް އަންނަން މަސައްކަތް މިކުރަނީ.
– ޑރ.މުޢިއްޒު
މުއިއްޒު ވިދާޅުވީ، މިހާރު ގައުމުގެ ކަންކަން ހުރި ގޮތަށް ބަލާއިރު، މި ސަރުކާރަށް އަމިއްލަ ބަސް ނުބުނެވޭ ކަމަށެވެ. އަދި ސަރުކާރުން ކޮންމެ ކަމެއް ކުރަންވެސް ހުއްދަ ނަގަން ޖެހޭ ކަމަށާއި، އެހެންކަމުން ސަރުކާރުގައި ސިޔާސީ މިނިވަން ކަމެއް ނެތް ކަަމަށް މުއިއްޒު ވިދާޅުވިއެެވެ.
ރަސްމީކޮށް މިނިވަންކަން އެބަ އޮތް، އެހެން ނަމަވެސް އަމަލީ ގޮތުން، ޕްރެކްޓިކަލީ ނެތް މިނިވަންކަން، އެއީ ސަރުކާރުން ނިންމައިގެން އުޅޭ ގޮތެއް، ސަރުކާރުގެ ސިޔާސަތު އެގޮތަށް ބައްޓަން ކުރީމަ އެހެން ވެގެން އުޅެނީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު އެގޮތަށް ބައްޓަން ކުރީމަ އެހެން ވެގެން އުޅެނީ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މި ވެރިކަން ފިޔަވާ ޑިމޮކްރެސީ އަށް ބަދަލު އައުމުގެ ކުރިން، މީގެ 40-50 އަހަރު ކުރިން ފެށިގެން، ކޮންމެ ވެރިކަމެއްގައި އަމިއްލަ ބާރު މި ގައުމުގައި ހިނގާ ކަމަށެވެ. މުއިއްޒު ވިދާޅުވީ، އެ ނުރައްކަލުން ސަލާމަތް ވާނީ އެންމެން އެކަތިގަނޑަކަށްވެ، ވިސްނުން އެއްގޮތްކޮށްގެން ކަމަށެވެ. މިގޮތުން އެއްގޮތް ކުރަންވީ ގައުމީ ވިސްނުން ކަމަށާއި، ގައުމުގެ މިނިވަންކަން ސަލާމަތް ކުރުމާއި ހިމާޔަތް ކުރުމުގެ ވިސްނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.