ނ. މާފަރު އިހުތިސާސުން މިސަރުކާރުން ވަކިކުރި ބައި ވެރިކަމާއި ހަވާލުވާތާ ފުރަތަމަ ތިން މަސްތެރޭގައި އިޔަދަ ކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގެ ދެވނަ ބުރަށް ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ހުއްޓުމެއްނެތި ޑރ. މުއިއްޒު ކުރައްވަމުންދާ ކެމްޕޭންގައި ނ.މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މާފަރު ރައްޔިތުންގެ ނުރުހުމުގައި އިހުތިސާސްގައި ހިމެނޭ ބައެއް މިސަރުކާރުން ވަކި ކޮށްފައިވާކަމަށެވެ. ނަމަވެސް އެކަން ވެރިކަމާއި ހަވާލުވާތާ 3 މަސް ތެރޭގައި އިޔާދަ ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާފަރުގެ ރައްޔިތުންގެ އެދޭ ތަރައްޤީ ހާސިލް ކޮށްދެއްވުމަކީ ކުރައްވާނެ ކަމެއްކަމަށެވެ. އަދި އެކަން ކުރެވޭނެ ތަސައްވަރައި އުންމީދައި ޖޯޝު ހުންނާނެކަމަށެވެ.
މާފަރަށް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުތައް:
– މަގުތައް ޒަމާނީ ފެންވަރެއް ހަދާދޭނަން
– ސިއްޚީ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދޭނަން
– ފަޅުތެރޭގައި ރިސޯޓް ހަދާ ޓޫރިޒަމް ފުޅާ ކުރާނަން
– ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރާނަން
– ފުޓުބޯޅަ ދަނޑު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދޭނަން
– ހައުސިން މައްސަލަތަކަށް ހައްލު ގެނެސްދޭނަން
މުއިއްޒު ވިދާޅުވީ ނ. އަތޮޅުން ދެވަނަ ބުރުގައި ބޮޑު މެޖޯރިޓީއެއް ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ. ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކުރެވޭނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކޮށްގެން ކަމަށާއި، އެކަން ކުރުމަށް 24 ގަޑިއިރު ސާބިތު ކަމާއިއެކު މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.