ރައްޔިތުން ނިންމާ ނިންމުމަކީ ޤައުމުގެ މިނިވަންކަމާއި އަމާންކަމަށް ނިންމަންޖެހޭ ނިންމުމަކަށް ވަންޖެހޭ ކަމަށައި، ރައްޔިތުން ފަރުވާ ކުޑަކުރި ނަމަވެސް ޤައުމު ތަރައްޤީ ކުރެވިދާނެ ކަމަށާއި، ނަމަވެސް މިނިވަންކަން ނުދެމެހެއްޓޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެއްވެސް ހުއްޓުމެއް ވަރުބަލި ކަމެއްނެތި މުއިއްޒު ކުރައްވަމުންދާ ކެމްޕޭންގައި މިއަދު ނ. ލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވަހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރައި ރައްޔިތުން ކުރިމަތިލާއިރު ރައްޔިތުންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ސުވާލަކީ ޤައުމުގެ މިނިވަންކަމާއި މެދު އޮތް ސުވާލު ކަމަށެވެ. ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމީ ރައީސް ޞާލިހާއި މިސަރުކާރާއި، ހުރިހާ ސިޔާސީ ލީޑަރުންވެސް އެއްބަސްވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމަ މިއާއިއެކު ގޮތް ނޭގޭ އެތައް އަބަސްވުންތަކެއްވެ ރާއްޖޭގެ މިނިވަންކަން އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުން ފަރުވާ ކުޑަކުރި ނަމަވެސް ސަރުކާރެއް އޮވެއްޖެނަމަ ތަރައްޤީ ގެނެވިދާނެ ކަމަށެވެ. ނަމަވެސް މިނިވަންކަން ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. ރައްޔިތުން މިފަހަރު ނިންމާ ނިންމުމެއްގެ ސަބަބުން މިނިވަންކަން ގެއްލިގެން ދިއުމަކީ ދުރު ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ލަންދޫގެ ރައްޔިތުން އެދޭފަދަ ބަދަލު ރައްޔިތުންނަށް ހާސިލް ކޮށްދެއްވާނެކަމަށެވެ. ނަމަވެސް އެހިސާބަށް ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ލަންދޫއަށް މުއިއްޒު ހުށަހެޅުއްވި ބައެއް ކަންކަން:
– މައި މަގުތަށް ޒަމާނީ ފެންވަރަކަށް ތަރު އަޅައިގެން ހަދާދޭނަން
– ޔޫތު ސެންޓަރެއް ހަދާދޭނަން
– ރަށް ގިރުމުގެމައްސަލައަށް ހައްލު ހޯދަ ދޭނަން
– މޫދަށް އެރޭ ސަރަހައްދެއް ގާއިމް ކޮށްދޭނަން
– ސްކޫލުގެ ޖާގަ އިތުރުކޮށް ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދޭނަން
މުއިއްޒު ވަނީ ދެވަނަ ބުރުގައި ރައްޔިތުން ވަރަށް ބޮޑު ޢައުލަބިއްޔަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެއަދަދަކީ ރާއްޖޭގެ ކަންކަން ނިންމުމުގައި ލިބިގެންދާނެ އިތުރު ބާރަކަށް ވެެގެންދާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.