މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ އެންމެންނަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ އެންމެންނަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

Author
އަހުމަދު
19 ސެޕްޓެމްބަރ 2023 11:37
0

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލެ އިން ގޯއްޗާއި ފްލެޓު ދިނުމަށް ވަރަށް އަވަހަށް ހައުސިން ސްކީމެއް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން 19،000 މީހުންނަށް ގޯތި އަދި 16،000 މީހުންނަށް ފްލެޓް ދޭން ނިންމާފައި ވަނީ މި ސަރުކާރުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ މީހުން ތިބި އިރު، އެމީހުންނަކީ އަމިއްލަ ރަށުން ވެސް ގޯތި ލިބުމަށް ހުރަސްތަކެއް ހުރި މީހުން ކަމަށެވެ.

"އެބަ އުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،" ރައީސް ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން މާލޭގެ ދަފްތަރުގައި ޖެހި 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާކަން ސާބިތުކޮށްދެވޭ ކޮންމެ މީހަކަށް ވެސް ފްލެޓަށާއި ގޯއްޗަށް އެދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ސިޔާސަތުތައް ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެވަނީ ކަނޑައަޅާފައި. މާލޭ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ދާއިމީ ހައްލެއް މި ސިޔާސަތުން ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މާލޭން ދޫކުރި ގޯތިތަކުގައި ގެދޮރު އެޅުމަށް އެހީތެރިވުމުގެ ގޮތުން ހައުސިން ބޭންކެއް ގާއިމްކޮށް ލުއި ލޯނު ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ.  އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ދޭ ފްލެޓްތަކުގެ ލިސްޓް މިއަދު ހަވާލުކޮށްފައިވާނެ ކަމަށާއި ވަރަށް އަވަހަށް ގައުމީ ޔުނިވާސިޓީ އާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކުރާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް ނެރޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.