ޕެންޝަން ފައިސާއަކީ ރައްޔިތުންގެ ވަރަށް ބޮޑު ހައްގެއް ކަމަށާއި އެފައިސާ ސަކަރާތަކަށް ނަގައި ބޭކާރު ޚަރަދު ކުރުމަށް ދޫނުކުރާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ގެންދާ އާސްކް މުއިއްޒު ޕްރޮގުރާމުގައި އާންމު މީހަކު ވަނީ ޕެންޝަން ފަންޑުން މުއިއްޒު ވެފައިވާ ވައުދާއި އެއްގޮތަށް ފައިސާ ދޫކުރައްވާނެ ތަފްސީލް ތަކެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑަކީ އެފައިސާ ސަމާސާ ކުރުމަށާއި، އިސްރާފުގެ ގޮތުގައި ބޭނުން ކުރަން ހޭދަ ކުރާ ފައިސާތަކަކަށް ނުހަދާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ވަކި އަދަދަކަށް ފައިސާ ޖަމާވެފައި ހުރި ނަަމަ، ޕެންޝަން ފަންޑުން ފައިސާ ނެގޭނީ ތިން ބޭނުމަކަށް ކަމަށެވެ. އެއީ އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި ވިޔަފާރިއެއް ފެށުމަށާއި ތައުލީމު ހާސިލް ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ތިން ކަން ފުރިހަމަ ކުރުމަށް ވެސް ޕެންޝަން ފަންޑުގައި ހުރި ހުރިހާ ފައިސާއެއް ދިނުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިކަންކަމަށް ފައިސާ ދޫކުރުމުގެ ކުރިން ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މި މައިގަނޑު ތިން ކަންތައްތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ނެގޭނެ ވަރު، އޭނާގެ ޖަމާވެފައި ހުރި އެކައުންޓުގައި ހުރެއްޖެ ނަމަ، ނެގުމަކީ ރަނގަޅު ކަމެއް. އެއީ ގާނޫނުގެ ތެރެއިން އެކަން އަންނާނީ. ހިސާބު ޖަހަން ޖެހޭނީ. ޖަހާފައި ބަލަން ޖެހޭނީ އެމީހާ ރިޓަޔާވާ އިރު ކިހާ ވަރެއްތޯ. ވަކި ވަރެއް ޕަސަންޓެއް ހުންނަން ޖެހޭނެ.
– މުއިއްޒު ވިދާޅުވިއެވެ.
ޕެންޝަން ފަންޑުގައި ހުންނަ ފައިސާ މިހާރު ބޭނުންކުރެވެނީ ލޯނުގެ އުސޫލުން އެޕާޓްމަންޓް ގަތުމަށާއި ހައްޖުގެ އަޅުކަން އަދާކުރުމަށް އެކަންޏެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޕެންޝަން ފައިސާ އިން ދޭނީ މުޅި ގެދޮރު އަޅާކަށް ނޫނެވެ. އެއީ ގެދޮރު އަޅަން އެހީތެރިވެ ދިނުމުގެ ގޮތުން ވަކި އަދަދަކަށް ދޭ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރާއްޖޭގައި ނުހެދޭ ކޯހެއް ނުވަތަ ސްކޮލަޝިޕެއްގައި ދަރިފުޅު ބައިވެރިކުރުވުމަށްޓަކައި ދޭ ކޮންމެވެސް ވަރެއްގެ އެހީއެކެވެ. އަދި ފަހު ކަމެއްގެ ގޮތުގައި މުއިއްޒު އިޝާރާތް ކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް ފެށުމަށް ކޮންމެވެސް ވަރެއްގެ ފައިސާއެއް ދިނުމެވެ.
މުއިއްޒު ވިދާޅުވީ ދައުލަތުގެ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. ސަރުކާރުން މިހާރު ވެސް އެކި ބޭނުންތައް މިކަމުގައި ހިފަމުން އަންނަ އިރު، މިއަށް އިންވެސްޓް ކުރެވޭނެ ގޮތްތަކެއް އެބަހުރި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.