ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް ކުރިއަށް އޮތް ތިން ހަފްތާގައިވެސް ޝެޑިއުލް ކުރެވެން ނެތްކަމަށް ޕީޕީއެމް/ޕީއެންސީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ހުއްޓިފައިވާތީ އޮތުމުން މިއަދު ހައިކޯޓަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ހަވާލުވެވަޑައިގެން ހުންނެވި ވަގުތީ ލީޑަރު އަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗްގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މިމަހުގެ 23 ފެށިގެން ޗުއްޓީ ނަންގަވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އަދި ރަސްމީ ދަތުރުފުޅެއްގައި މިމަހުގެ 25 އިން ފެށިގެން ހައި ކޯޓުގެ ބޭފުޅުން ވަޑައިގަނަނަވާ ކަމަށް ދާދި ދެންމެއަކު މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް މިއޮތް އިންތިޙާބުގެ ދެވަނަ ބުރާއި ހަމައަށް ރޭވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށާއި، ޝަރީއަތަށް ސީދާ ސަރުކާރުގެ ނުފޫޒު އޮތް މިންވަރު މިކަމުން ހާމަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަޅުގަނޑުމެނަށް މި އެނގުނީ އަދި ކުރިއަށް އޮތް ތިން ހަފްތާއަށް ބަލާއިރުވެސް އެޖެންޑާ ކުރުމުގެ ވިސްނުމެއް ނެތޭ. މިހެން މި ދަންނަވާލަންޖެހޭ ސަބަބަކީ އަޅުގަނޑުމެނަށް މަޢުލޫމާތު ލިބުނު ގޮތުގައި ބެންޗުގައި ހިމެނޭ 3 ފަނޑިޔާރުންގެ ތެރެއިން 1 ފަނޑިޔާރު 23 ފެށިގެން ޗުއްޓީ ނަންގަވާ. އަނެއްކާ ދެންމެ މި ލިބުނު މަޢުލޫމާތަކީ 25 އިން ފެށިގެން ހައި ކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި އެބަ ވަޑައިގަންނަވައޭ.
– އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިއީ ސީދާ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދިނުމަށް ރައީސް ޞާލިހު އިސްވެ ހުންނަވައިގެން ޝަރީއަތަށް ނުފޫޒު ފޮރުވައިގެން ހިންގަވާ އަމަލުތަކެއް ކަމަށެވެ. ރައީސް ޔާމީނަށް ހައިކޯޓުން އިންސާފު ލިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަން ސީދާ ރައީސް ޞާލިހާއި ސަރުކާރަށްވެސް ސާފުވުމުން މިހާރު މަސައްކަތް ކުރަނީ އިންފާސަށް ހުރަސް އެޅުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރަންޖެހޭ ކަމަށާއި، އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައިވެސް ރައީސް ޔާމީން ސަލާމަތް ކުރުމަށް ރައްޔިތުން ތިބީ ނުކުމެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްްމަދު ސޯލިޙު ވެރިކަން ކުރައްވާ ގޮތް ރައްޔިތުން ބަލައި ނުގަންނަކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި މިވެރިކަން ބަދަލުކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.