ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާޢީދުކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށްކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ކުރިން ޕީޕީއެމްގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި ނިހާން އެޕާޓީ ދޫކުރައްވާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއި ގުޅިގެންނެވެ. މިއާއެކު މިހާތަަނަށްވެސް ހުންނެވީ މިސަރުކާރުގެ ކޯލިޝަން ބައިވެރިއާ ޖުމްހޫރީ ޕާޓީގައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ޤާސިމް ވަނީ އެޕާޓީގެ ނަން ބޭނުންނުކޮށް ޕާޓީގެ މެންބަރުން އެމީހަކު ތާޢީދުކުރާ ކޮންމެ ކެންޑިޑޭޓަކަށް ތާޢީދުކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. މިއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާއި ޢާންމު މެންބަރުން ގެންދަވަނީ ކެންޑިޑޭޓުންނަށް ތާޢީދުކުރާކަން ހާމަކުރައްވަމުންނެވެ.
ފޭސްބުކްގައި މީހެއްގެ ޕޯސްޓަކަށް ކުރެއްވި ކޮމެންޓުގައި ޤާސިމްގެ އެޑްވައިޒަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، އޭނާއާއި، އޭނާގެ އާއިލާއިން ތާޢީދުކުރައްވާނީ ޑރ.މުޙައްމަދު މުޢިއްޒަށްކަމަށެވެ.
ނިހާން ވަނީ މީގެ ކުރިން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ސަރުކާރު ނިމުމާއި ހަމައަށް ހުންނެވިއެވެ.
ކޮމެންޓު ފޮނުވާ