ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮންމެ ދުވަހަކު މާލޭގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ކެމްޕޭން ހަރަކާތްތައް ފަށައިފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 86،161 ވޯޓާ އެކު ދެ ވަނަ ބުރަށް ދަތުރު ކުރެއްވި ދެވަނަ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ. ރައީސްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިމަހުގެ 30 ވަނަ ދުވަހު ވޯޓުލުމުގެ ކުރިން މާލޭގެ ގިނަ ގޭބިސީތަކަކަށް ރައީސް ސޯލިހް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
ރައީސްގެ މިޒިޔާރަތުގައި ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި ހައްލުކޮށްދެވެން ހުރި ކަންކަން ހައްލުކޮށްދެއްވާނެ. އަދި މިސަރުކާރުން މިހާތަނަށް މާލޭގެ ރައްޔިތުންނާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ތަރައްގީއަށް ކޮށްފައިވާ މަސައްކަތްތައް ރައީސް އޮޅުންފިލުއްވައިދެއްވާނެ.
– އޮފިޝަލް ވިދާޅުވިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގެ މީހުންގެ ކައިރިއަށް ދޮރުންދޮރަށް ހިންގެވިއެވެ. ނަމަވެސް މިއީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެ މަނިކުފާނު މާލޭގައި ދޮރުންދޮރަށް ހިންގަވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ދެ ވަނަ ބުރުގައި "ދޮރުންދޮރަށް" ހަރަކާތްތަކެއް ފައްޓަވައިފައެވެ. އެ ކަމަނާ އިއްޔެ ވަޑައިގަތީ ވިލިމާލޭގެ ބައެއް ގެތަކަށެވެ. މިއަދު އުޅުއްވީ ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުގައެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދަތުރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 101،635 ވޯޓު ހޯއްދެވިއެވެ.
ކޮމެންޓު ފޮނުވާ