ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ފްރެންޗައިޒް ފިލްމް "ސިންގަމް" ސީރީޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" ގެ ވިލަންގެ ރޯލަށް އަރުޖުން ކަޕޫރު ހަމަޖައްސައިފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ މީޑިއާތަކުން މި ހަބަރު ކަށަވަރު ކޮށްދީފައި ވެއެވެ. އަދި "ސިންގަމް އެގެއިން" އަށް އަރުޖުން މިހާރު ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައިއެވެ. ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ޓީމުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.
އަޖޭ ދޭވްގަން ލީޑު ރޯލު ކުޅޭ މި ފިލްމުގައި އަޖޭގެ ކޮއްކޮއެއްގެ ރޯލުން ދީޕިކާ ޕަދުކޯން ވެސް ފެންނާނެ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް، އެކަން ވެސް މިހާތަނަށް ކަށަވަރުކޮށްދީފައިއެއް ނުވެއެވެ.
"ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުން އަށް ވެއްޖެ ނަމަ މިއީ އޭނަ ރަސްމީކޮށް ފިލްމެއްގައި ނުބައިބައި ރޯލު ކުޅޭ ފުރަތަމަ ފިލްމުގެ އިތުރުން ރޯހިތާ އެކީ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށް ވާނެއެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލު ކޮށްފައި އޮތީ އަންނަ އަހަރު އޮގަސްޓް 15 ގައިއެވެ. ނަމަވެސް، ހަމަ އެ ދުވަހު ދެކުނު އިންޑިއާގެ ކާމިޔާބު ފިލްމު "ޕުޝްޕާ" ގެ ދެވަނަ ބައި ވެސް ޕްރިމިއާ ކުރާ ގޮތަށް އޮތުމުން، މި ފިލްމު އަޅުވާ ދުވަސް ފަސްކުރަން މިހާރު ވަނީ ނިންމައިފައެވެ. ނަމަވެސް، ސީދާ ތާރިހެއް މިހާތަނަށް އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ.
"ސިންގަމް" ސީރީޒް ފިލްްމް ތަކަކީ އަޖޭ އާއި އެކުގައި އެކްޝަން ޑައިރެކްޓރެއްގައި ގޮތުގައި ފާހަގަ ކުރެވޭ ޑައިރެކްޓަރު ރޯހިތު ޝެޓީ ކުރިއަށް ގެންދާ ފިލްމް އެކެވެ.
މީގެ ފުރަތަމަ ބައި "ސިންގަމް" ރިލީޒްކުރީ 2011 ގަ އެވެ. އޭގެ ބަތަލަކީ ކާޖަލް އަގަރްވާލެވެ. އަދި ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.