ވަކި ގޮތަކަށް ފިކުރު ހުންނާތީ އެއްވެސް މީހަކު ސިފައިންގެ ވަޒީފާއިން ވަކި ނުކުރަން: އެމްއެންޑީއެފް

ވަކި ގޮތަކަށް ފިކުރު ހުންނާތީ އެއްވެސް މީހަކު ސިފައިންގެ ވަޒީފާއިން ވަކި ނުކުރަން: އެމްއެންޑީއެފް

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2023 09:37
0

ސިފައިންގެ ތެރެއިން ވަކި ގޮތަކަށް ފިކުރު ހުންނާތީކަމަށްބުނެ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުން ގެންދާކަމަށް ބުނެ ނިއުސް މީޑިއާގައާއި ސޯޝަލް މީޑިއާގައިދެކެވޭ ވާހަތައް އެމްއެންޑީއެފްއިން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފް އިން މިފަދަ ބަޔާނެއް ނެރުނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި ހުރި ހަމައެކަނި ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓް ހަސަން ޒިހާން ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ޚަބަރުތަކާއި ގުޅިގެން ނެރުނު ބަޔާނެއްފައެވެ.

ސިފައިންގެ ވަޒީފާއިން ޒިހާން ވަކިކޮށްފައިވަނީ މިހާރުގެ ސަރުކާރަށް ތާއީދު ނުކުރާކަމަށް ތުހުމަތުކޮށްކަމަށް މީޑިއާތަކުގައި ވެއެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި, ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޒިހާންގެ ބޭބެ ދޫކޮށްލަން ގޮވާލާ "ފްރީ މައި ބްރޯ" މިހެން ފޭސްބުކްގައި ލިޔުންވެސް ވަޒީފާއިން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް ބުނެފައިވެއެވެ.

ޒިހާން މަގާމުން ވަކިކޮށްފައިވަނީ ސިފައިންގެ ތެރޭގައި އޮންނަ މިލިޓަރީ ކޯޓުން މި މައްސަލަތައް ބެލުމަށްފަހު ފަސްޓް ލެފްޓިނަންޓްގެ މަގާމުން ލެފްޓިނަންޓަކަށް ޑިމޯޓު ކުރުމަށްފަހުގައެވެ.

އެމްއެންޑީއެފް އިން ނެރުނު ބަޔާނުގައި ބުނީ ސިފައިންގެ ޤާނޫނުގެ ދަށުން ހަދާފައިވާ "ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ޤަވާޢިދު" ގެ ދަށުން، އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްޓަކައި، ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޢަސްކަރީ އަދުލުގެ ނިޒާމެއް 2021 ނޮވެމްބަރ 3 ވަނަ ދުވަހު ވަނީ ތަޢާރަފް ކުރެވިފައި ކަމަށެވެ.

މިނިޒާމް ތަޢާރަފް ކުރެވުމާއެކު ޢަސްކަރީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަޙްޤީޤްކޮށް ފޮނުވަމުންދަނީ މިލިޓަރީ ޖަސްޓިސް ކައުންސިލަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މިކައުންސިލުން މައްސަލަތައް ނިންމުމުގައި މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް ފުރިހަމައަށް ޖަވާބުދާރީވާނެ ފުރުޞަތާއި ބޭނުންވާނަމަ ޤާނޫނީ ވަކީލުންގެ އެހީތެރިކަންދީ ދިފާޢުވުމުގެ ފުރިހަމަ ފުރުސަތުވަނީ ފަހިކޮށްދީފައިވާކަަމަށް މިބަޔާނުގައި ވެއެވެ. އަދި މިލިޓަރީ ޖަސްޓިސް ކައުންސިލުން ނިންމާ ނިންމުންތައް، މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލަށް އެޕީލްކުރުމުގެ ފުރުޞަތުވެސް މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭ ކަމަށެވެ. މީގެ އިތުރުން އެންމެ ފަހު މަރުޙަލާއެއްގެ ގޮތުން މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލުގެ ނިންމުން، މުރާޖަޢާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުޞަތުވެސް ލިބިގެންދާކަމަށެވެ.

މި ނިޒާމުގެ ތެރެއިން މައްސަލަތައް ތަޙްޤީޤްކުރާ ފަރާތްތަކާއި މައްސަލަ ނިންމާ ކައުންސިލްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާ އަދުލުވެރިކަމާއެކު ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރުވަނީ ލިބިދީފައިވާކަމަށާއި، ވުމާއެކު، ޢަސްކަރީ އަދުލުގެ ނިޒާމް މިހާރު ހަމަޖެހިފައިވާގޮތުން ސިފައިންގެ މީހަކާމެދު މިނޫންގޮތަކަށް ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުލިބޭކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި މިނިޒާމުގެ ބޭރުން އެއްވެސް ސިފައިންގެ މީހަކާމެދު ފިޔަވަޅު އަޅަމުން ނުދާކަމަށާއި، އަދި އެފަދަ ގޮތަކަށް ޢަމަލުކުރުމަށް ސިފައިންގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އިރުޝާދެއް ދެއްވާފައި ނުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސިފައިންނަކީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް ޢަމަލުތައް ބަހައްޓާ، ޢަސްކަރީ ރިވެތި ޢަޚްލާޤެއްގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބަޔަކަށްވީހިނދު، މިނޫންގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް ހިތްވަރުލިބޭފަދަ ދޮގު ޚަބަރުތައް އެއްވެސް ފަރާތަކުން ނުފެތުރުއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.