ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކޮށްދެއްވައިފިނަމަ އއ.ބޮޑުފޮޅަދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކާމިޔާބީއަށްފަހު ދެވަނަ ބުރަށް ކެމްޕެއިން އެންމެ ފުރަތަމަ އަތޮޅުތަކުން ފެއްޓެވީ އއ.ބޮޑުފޮޅަދޫންނެވެ. އެރަށަށް ވަޑައިގަތުމުން ވަނީ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެރަށަށް ވަޑައިގެން ޕީޕީއެމް ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުފައި ޑރ.މުޢިއްޒު ވިދާޅުވީ، މިހާރު އެރަށޫގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢު ހުއްޓުނަ ނުދީ އެގޮތުން ކުރިއަށް ގެންދަވާނެކަމަށެވެ. ހަމަ މިއާއެކު އެރަށޫގައިމިވަގުތުވެސް ހިނގަމުންދާ މަޝްރޫޢުތަކަށް އެންމެ ސަމާލުކަންދީގެން މިހާރަށްވުރެ ބޮޑަށް ރައްޔިތުން އެދޭގޮތަށް ތަރުތީބުކޮށް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން މުޢިއްޒު ދެއްވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުއަކީ ޒުވާނުންނާއި، ކަނބަލުންނާއި، ވިޔަފާރިތަކަށް މުހިންމު މަޝްރޫޢުއެއްކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އަލަށް އިތުރުކުރެވޭ ބިމުގައި ކުޅިވަރުގެ ގިނަ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަަމަށެވެ. އެގޮތުން ފުޓުބޯޅަ ދަނޑާއި ވޮލީކޯޓާއި ހޭންޑުބޯލް ކޯޓުގެ އިތުރުން އެހެނިގެން ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮންމެ ރަށެއްގައިވެސް އެންމެ ބޮޑަށް އޮތް ދައްޗަކީ ސްކޫލްގެ ޖާގައިގެ ދަތިކަމާއި ސިއްޙީ ވަސީލަތްތައް ނެތުންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް އިތުރު ކްލާސް ރޫމްތައް އަޅުއްވައިދެއްވާނެކަމަށެވެ. އަދި ސިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެރަށުގެ ފުޅާވަމުން އަންނަ ޓޫރިޒަމާއި އެހެނިހެން މަސައްކަތްތަކާއެކު ބަނދަރު އިތުރަށް ތަރައްޤީކުރަން ޖެހޭކަމަށެވެ. އެހެންކަމުން އެރަށު ބަނދަރރު ތަރައްޤީކޮށް އެރަށުގެ އިތުރުކުރާ ބިމުގައި ޓޫރިޒަމްގެ ގިނަ މަޝްރޫޢުތައް ހިންގުމަށް ވިޔަފާރިތަކާއި ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދެއްވާނެކަމުގެ ޔަޤީނަކްންވެސް މުއިއްޒު ދެއްވިއެވެ.
ޓޫރިޒަމާ ގުޅިފައިވާ ކަންކަމަށްބަލާއިރު އަޅުގަނޑުމެންގެ ސިޔާސަތަކަކީ ޓޫރިޒަމް އެންމެ ފުޅާކުރުން. އާމްދަނީ އިތުރުކުރެވެން އޮތީ ޓޫރިޒަމް ފުޅާކޮށްގެން. މި ސަރަހައްދަކީ ޓޫރިޒަމް ފުޅާކޮށް އޮތް ސަރަހައްދެއް. އެެންވީމަ ޓޫރިޒަމް ފުޅާކުރުމަށް މިރަށުގެ ބިމުގެ ބޭނުންކުރާއިރު ޓޫރިޒަމް ސިނާއަތުގަިއ އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުޞަތު ދޭނަން.
– ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށުގެ އިޤްތިޞާދު ފުޅާކޮށް، ޢުމްރާނީ ގޮތުންވެސް ބޮޑު ބަދަލެއް ގެންނަވާނެކަމަށެވެ. އެގޮތުން އެރަށުގެމައި މަގުތަށް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.
އާބާދީގައި 633އެއްހާ ރައްޔިތުން ދިރިއުޅޭ ބޮޑުފޮޅަދޫއަށް އެކަންކަން ކޮށްދެވޭނީ އެފުރުޞަތު އެމަނިކުފާނަށް ދެއްވައިގެންކަމަށާއި، މިމަހުގެ 30 ވަނަ ދުވަހު އޮންނަ ދެވަނަބުރުގެ ވޯޓުގައި އެ ފުރުޞަދު ދެއްވުމަށް ޑރ.މުއިއްޒު އެދިވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނަށް އިތުބާރު ކުރުމަށް އެދިވަޑައިގަންނަވަމުން ޑރ.މުއިއްޒު ވަނީ ރައްޔިތުންގެ އުއްމީދުގައި ކުލަ ޖައްސައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ