ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިސަރުކާރަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު، އެކި ކަންކަން ކޮށްދެއްވި ނަމަވެސް ވޯޓު ނުދިންކަމަށްބުނެ ވަކިވަކި ރައްޔިތުނަށް ބިރު ދައްކަމުން ދާކަމަށާއި، ނަމަވެސް ދެވަނަ ބުރުގައި އެބިރު އެކީ ފަހަނަ އަޅާގޮސް ޑރ. މުއިއްޒަށް ވޯޓު އަޅާ ފޮށިތައް ފުރާލުމަށް ޑރ. މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ އިނންތިޚާބުގެ ފުރަތަމަ ބުރުން ބަލިވުމުން ވަކިވަކި ރައްޔިތުންނަށް ގުޅައި ބިރު ދައްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. ޚާއްސަކޮށް މާލޭ ރައްޔިތުންގެ ތެރެއިިން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ލިޔުމެއް ދިނުމުންވެސް ވޯޓު ނުދޭކަމަށް ބުނެ އެކަމުގެ ރުޅިވެރިކަން ރައްޔިތުންނަށް ބާލަމމުންދާކަމަށެވެ.
ނަމަވެސް މިއީ ރައްޔިތުންނަށްވެސް ހަގީގަތް އެގެން އޮތް ކަންތައްތަކަކަށްވާއިރު ފަސް އަހަރުގެ ދައުރެއްގައި ރައްޔިތުންނަށް ނުކޮށްދިން ކަމެއް އިންތިޚާބަށް ހަފްތާއަކަށް ވުމުން ތެޅި ފޮޅިގެން ކުރުމަކުން ގޯތި ކަނޑުން މައްޗަށް އަރާނެކަމަށް ގަބޫލު ކުރާ ރައްޔިތަކު ނެތްކަމަށެވެ. މިކަންކަމަށް ހަގީގީ ތަސައްވަރެއް ގެނެސް ހެޔޮ ބަދަލެއް ގެނެސް ދެއްވާނީ ޑރ. މުއިއްޒުކަމަށް ތޮލާލް ވިދާޅުވިއެވެ.
ގޯތީގެ ލިޔުން ދިނީމާ ވޯޓު ނުދިނޭ އެބަބުނޭ. އެކަމަކު ކަނޑު އަޑީގައި ހުރި ގޯތި ތަކެއްކަން ރައްޔިތުންނަށް އެނގޭ. މިއީ ރައްޔިތުންނަށް ރުޅިއައިސްގެން ބަވަން ޖެހޭ ކަމެއްނޫން. ރައްޔިތުންނަށް އެނގޭ މިކަންކަން ވާގޮތް، މިއީ އެއްވެސް ހަގީގަތެއް ނެތްކަންތައްތަކެއް ކަން ރައްޔިތުންނަށް އެނގޭ. މިކަންކަން ކޮށްދެއްވާނީ ޑރ.މުއިއްޒު ކަމަށް ރައްޔިތުން ގަބޫލު ކުރޭ.
– ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރައްވަނީ އެކީގައި ހުރިހާ ފަރާތްތަކާއި ގުޅިގެން ކަމަށެވެ. މިގޮތުން ޑރ. މުއިއްޒު ދައުވަތާއިއެކު ގިނަ ބޭފުޅުން ގުޅެމުންދާކަމަށާއި، އަދި މިހާރުވެސް ބައެއް ބޭފުޅުންނާއިއެކީ ކޯލިޝަން ހެދުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.
ތޮލާލް ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން މިހާރު ތިބި ރޫހަށް ބަލާއިރު ރައްޔިތުން ބޭނުންވަނީ ރައީސް ޞާލިހު ބޮޑުތަނުން ބަލިކޮށް، ޑރ. މުއިއްޒު މިޤައުމުގެ ވެރިކަމަށް ގެންނަން ކަމަށެވެ.