ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިސަރުކާރުން އިންތިހާއަށް ފައިސާ ބަހައި ނުފޫޒު ފޯރުވި ކަމަށާއި، ނަމަވެސް އެއަކަށް ބެލުމެއްނެތި ރައްޔިތުން ދެއްކި ސާބިތު ކަމާއިއެކު މިވެރިކަން ބަދަލު ކުރާނެކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒަށް ތާއީދުކޮށް ބައިއަތު ހިފުމަށްފަހު މިރޭ ހުޅުމާލޭގެ ޖަގަހައެއްގައި ބޭއްވި ކެމްޕޭން ޖަލްސާއެއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިސަރުކާރުން އިންތިޚާބުގައި ފައިސާގެ ނުފޫޒާއި، ވަޒީފާގެ ބިރާއި، މަޝްރޫޢުތަކާއި މިނޫންވެސް އެތައް ބިރެއް ދައްކަމުން ދިޔަކަމަށެވެ. ނަމަވެސް ރައްޔިތުން މިކަންކަމަށް ނުބަލައި މިސަރުކާރަށް ފުރަތަމަ ބުރުގައި ބޮޑު ތަނުން ނޫނެކޭ ބުނެފައިވާކަމަށެވެ.
ނާޒިމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާއި ގުޅުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް މިނިވަންކަން ދަމަހައްޓާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ގުޅިގެން މިކުރާ މަސައްކަތުގައި މިވެރިކަން ބަދަލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައީސް ޞާލިހު ބަލިކުރަން. މިތަނުން އަޅުގަނޑަށް ޔަގީންކަން އެބައޮތް ރައީސް ޞާލިހުހ ބަލި ކުރެވޭނެކަން. ފައިސާއަކީ އެއްޗެއްނޫން. އިސްކުރަންވީ ޤައުމު. މިހާތަނަށް ކުރި މަސައްކަތަށް އައްސަރިބަހާއި ސާބަސް. ސަރުކާރުން ފައިސާބެހި. ސަރުކާރުން ބެހި ފައިސާއަށް ބެލުމެއްނެތި ތިދެއްކި ސާބިތުކަމަށް ޝުކުރު ދަންނަވަން.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިރޭ ޕީޕީއެމްގެ ޢާންމު މެމްބަރުންނާއި ދިމާވުމުން އިހުސާސް ކުރެވުމީ އަމިއްލަ އާއިލާގެ ބަޔަކާއި ބައްދަލުވުމުގެ އިހުސާސް ކަމަށެވެ. އޭނާއަކީ އަސްލު ޕީޕީއެމްހގެ ފިކުރުގެ މީހެއް ކަމަށާއި، ދުވަސްކޮޅަކު ދުރުގައި ހުރުމަށްފަހު އަނެއްކާވެސް އެކީގައި އެއް އަޒުމަކަށް ކުރެވޭ މަސައްކަތަކީ ކާމިޔާބު ވާނެ މަސައްކަތަކަށް ވެގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
އަޅުގަނޑުމެން ނިންމީ ވަރަށް މުހިންމު ޤައުމީ ނިންމުމެއް. އަޅުގަނޑުގެ ހިތުގައި އަބަދުވެސް ޕީޕީއެމްއަށް ލޯބި އޮވޭ. މިއީ އަލުން އެބުރި ޕީޕީއެމް/ޕީއެންސީ އާއިއެކު ކުރެވޭ ވަރުގަދަ މަސައްކަތެއް.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީކެންޑިޑޭޓް ޑރ. މުއިއްޒު ހުޅުމާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. މިހާތަނަށްވެސް ގެނައި ބަދަލެއް ގެނައީ ޕީޕީއެމްއިން ކަމަށާއި، ރައީސް ޔާމީން ހުޅުމާލެއަށް ގެނައި ތަރައްޤީ ނޫން ތަރައްޤީއެއް މިހާރުވެސް ހުޅުމާލެއިން ނުފެންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ މިސަރުކާރު ބަލި ކުރުމުގައި މުޅި ރާއްޖޭގެ ރައްޔިތުން އެކީ އެކައްޗެއް ކިޔައި އެއް އަޒުމެއްގައި މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމަށެވެ.