ސެމްބެ އިސްވެ ހުންނަވައި ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުން ޤާސިމާ ބައްދަލުކުރައްވަނީ

ސެމްބެ އިސްވެ ހުންނަވައި ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުން ޤާސިމާ ބައްދަލުކުރައްވަނީ

Author
އައިޝަތު އަޙްމަދު
12 ސެޕްޓެމްބަރ 2023 07:25
0

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް، ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމާ ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ. ޤާސިމާއި ބައްދަލުކުރައްވަން ސެމްބެ ހިނިވަޑައިގަންނަވާހެން ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ވަނީ ޤާސިމްގެ ރިސޯޓް، ސަން އައިލެންޑަށް ވަޑައިގެންފައެވެ.

ސެމްބެއާއި ޤާސިމް މި ބައްދަލުކުރައްވާއިރު، މުޢިއްޒު ވަނީ ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ޕާޓީއަކާއި ސިޔާސީ ލީޑަރުންނަށް ދަޢުވަތު ދެއްވާފައެވެ. މިގޮތުން މި ދަޢުވަތު ޤަބޫލުކުރައްވާ އެންމެ ފުރަތަމަ ކޯލިޝަން ހެއްދެވީ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީންނެވެ. އެޕާޓީގެ ރައީސް ކާނަލް ނާޒިމް ވަނީ ރިޔާސި އިންތިޚާބުން ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެން، އެޕާޓިގެ ކައުންސިލް ލަފާގެ މަތިން ޕީޕީއެމް/ޕީއެންސީއާއި ގުޅުމަށް ރޭގެ ވަގުތެއްގައި ނިންމަވާފައެވެ. އަދި އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

ޤާސިމާއި ސެމްބެ ބައްދަލުކުރައްވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުން ލިބިވަޑައިގެންނެވި ދެވަނައާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ޤާސިމް އިބްރާހީމަށް، އެމަނިކުފާނާ ގުޅިވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ. ނަމަވެސް އެ ދަޢުވަތު ޤާސިމް ޤަބޫލުފުޅު ކުރެއްވިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޤާސިމަށް ލިބިވަޑައިގަތީ ފަސްވަނައެވެ. 8 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުން ޤާސިމަށް ލިބިވަޑައިގަތީ 5523 ވޯޓެވެ. އެއީ 2.5 އިންސައްތައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އުމަރު ކޮބާތަ ޕޕމ އާ.ކޯލިސަން ނުހަނީބާ