މޮރޮކޯއަށް ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ދެހާހަށް އަރައިފި

މޮރޮކޯއަށް ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ދެހާހަށް އަރައިފި

މި ހަފްތާގެ ހުކުރުދުވަހު މޮރޮކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ދެހާހަށް އަރައިފިއެވެ. މޮރޮކޯގެ ފަރުބަދަމަތީ ސަރަހައްދުގެ އަވަށްތަކަށް އައި މި ބިންހެލުމުގައި ތާށިވެފައިތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތަކާއި އަދި އެކި ގައުމުތަކުން މިހާރު މޮރޮކޯއަށް ދަތުރު ކޮށްފައިވާ ޓީމުތަކުގެ އެހީގައި ކުރިޔަށްދާއިރު، އެކަހެރިކޮށް އޮންނަ ބައެއް ވިލެޖްތައް މުޅިހެން ކަހަލަ ގޮތަކަށް ބިންހެލުމުގެ ސަބަބުން ބިމާހަމަވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މޮރޮކޯގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ބިންހެލުމުގައި މިހާތަނަށް 2،122 މީހުން މަރުވެ 2،400 މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ. މީގެ ތެރޭގައި ގިނަ ބައެއްގެ ހާލު ވަރަށްބޮޑަށް ސީރިއަސްކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.

ރެކްޓަރ މިންގަޑުން 6.8ގެ ބާރު މިނުގައި އައި މި ބިންހެލުން އައިސްފައިވަނީ މޮރޮކޯގެ ތާރީޚީ ސިޓީއެއްކަމަށްވާ މައްރަކެޝްގެ ދެކުނު ހުޅަގުން 72 ކިލޯމީޓަރ ބޭރުންނެވެ. މި ސިޓީއަކީ މޮރޮކޯއަށް ޒިޔާރަޔްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ބިންހެލުމުގެ އަސަރުކޮށް މި ސިޓީގެ ގިނަ ގެތައް ބިމާހަމަވުމާއި ގުޅިގެން ގިނަ ބަޔަކު މިހާރު ނިދަމުންދަނީ މަގުމަތީގައެވެ.

ހުކުރުދުވަހު އައި ބިންހެލުމަށްފަހު، އާފްޓަރސޮކްތައް 4.5 ގެ ބާރު މިނުގައި އާދީއްތަ ދުވަހުވެސް އެ ސިޓީއަށް އައިސްފައި ވެއެވެ.

މައްރަކެޝްގެ އިތުރުން އެ ސިޓީއާއި 60 ކިލޯމީޓަރު ދުރުގައި އޮންނަ ފަރުބަދަމަތީ ވިލެޖެއް ކަމަށްވާ ޓަފެގްހަޓް ވިލެޖްވެސް ވަމީ ބިންހެލުމުގެ އަސަރުކޮށް ފުނޑުފުނޑުވެފައެވެ. މި ވިލެޖްގައި ބިމާއި ހަމަނުވެ ހުރީ މަދު އިމާރާތްތަކެއް ކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މޮރޮކޯއަށް އައި ބިންހެލުމާއިގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން މިހާރުދަނީ އެގައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މޮރޮކޯއަށް އައި ބިންހެލުމަކީ 1960 ވަނަ އަހަރަށްފަހު އެގައުމަށް އައި އެންމެ ގެއްލުންބޮޑު ބިންހެލުމެވެ. 1960 ވަނަ އަހަރު މޮރޮކޯގެ އަގަދިރު ސަރަހައްދަށް އައި ބިންހެލުމުގައި 12،000 މީހުން މަރުވެފައި ވެއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *