ވޯޓު ފޮށިތައް ކައިރީގައި ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ދެއްކުމާއި، ފޮޓޯ ނެގުން ފަދަ ކަންކަން ހުއްޓުވާދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓު ފޮށިތައް ކައިރީގައި ގަވައިދާ ޚިލާފަށް ބައެއް ކަންކަން ހިނގަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި ދެއްކުމާއި އެކިކަހަލަ އާލާތްތައް ބޭނުންކޮށްގެން ފޮޓޯ އާއި ވީޑިއޯ ނެގުންފަދަ ކަންކަން ބައެއް ފަރާތްތަކުން ކުރަމުން ދާކަމަށެވެ. މިކަމަކީ އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން، މިފަދަ ކަންކަން ހުއްޓުވާދެއްވާ މިފަދަ ޢަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ގޮވާލާފައެވެ. އަދި ޤާނޫނާއި ޤަވައިދުގެ ތެރެއިން ސުލްޙަވެރިކަމާއި އަމާންކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކޮށްދެއްވާ އެކަން ކަށަވަރު ކޮށްދެއްވުމަށްވެސް ކޮމިޝަނަށް ވަނީ ގޮވާލާފައެވެ.
އަދި ޤާނޫނާއި ޤަވައިދާ ޚިލާފަށް ޢަމަލުކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.