ކުރިއަށް އޮތް ދައުރަށް އަނެއްކާވެސް އެމްޑީޕީން އަންނަންޖެހޭ ސަބަބު ހާމަކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށްކުރައްވާ ކެމްޕެއިން އެމްޑީޕީން ނިންމާލައިފިއެވެ.
އެމްޑީޕީގެ ކެމްޕެއިން ނިންމުން ކުރިއަށް ގެންދިޔައީ މާލޭ އުސްފަސްގަނޑުގައި ބޭއްވި ބޮޑު އެއްވުމަކުންނެވެ. މި އެއްވުމުގައި ގިނަ ޢަދަދެއްގެ ސަޕޯޓަރުންނާއެކު ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އުސްފަސްގަނޑުގައި ކެމްޕެއިން ނިންމުމަށް ބޭއްވި އެއްވުމުގައި ރައީސް ޞަލިޙް ވަނީ ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބުކުރައްވަންޖެހޭ ސަބަބު ތަފްސީލްކޮށްދެއްވާފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަންޖެހެނީ ބާކީވެފައިތިބި އިސްރަށްވެހިންނަށް ޒުވާނުންގެ އެހީތެރިކަމާއެކު ގިނަ ފުރުޞަތުތަކެއް މި ސަރުކާރުގައި ފަހިކޮށްދެއްވިކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް އެންމެ ފުޅާކޮށް ރައްކާރެތެރި ކުރި ދައުރަކީ މި ފަސް އަހަރުކަމަށާއި،ގެވެށި އަނިޔާއަކީ ނެތް އެއްޗަކަށް ހަދައި އަތް އަޅައިގެން ފޮރުވައިގެން ތިބި ތިބުން ނިމުމަކަށް ގެނެސް އެ މައްސަލަތަކަށް އެންމެ ރަނގަޅު ފިޔަވަޅުތަކެއްއަޅައި މަސައްކަތްކޮށްދިނީ މި ފަސްއަހަރުކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހަމަހަމަކަމާއެކު އެއްވެސް ޖިންސެއް ތަފާތުކުރުމެއްނެތި ފުރުޞަތު ފަހިކޮށްދެއްވިކަން ފާހަގަކުރައްވާ ރައީސް ވަނީ ކެބިނެޓުން 33 އިންސައްތަ އަންހެނުންނަށް ޚާއްބަކޮށް، ފޮރިން ސަރވިސްގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކޮށް، ޖުޑީޝަރީގެ އެންމެ މަތީ ފަންތިން އަންހެނުންނަށް ފުރުޞަތު ދެއްވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެކި ފަންނާނުންނަށް ފުރުޞަތު ފަހިކޮށްދެއްވައި، ކުރެހުންތެރިންނާއި ފިލްމުކުޅޭ މީހުންނަށްވެސް ފުރުޞަތު ފަހިކޮށްދެއްވިކަމަށެވެ. އެކި ކުޅިވަރުތައް ކުރިއަރުވައި ކުޅުންތެރިންނަށް އެންމެ ފަހި ފުރުޞަތު ދެއްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ އެމަނިކުފާނަށް ދެވަނަ ފުރުޞަތެއްވެސް ދެއްވަން ޖެހޭ ސަބަބުތައްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އަނެއްކާވެސް ނިކުމެ ތިއްބެވީ ކުރިން އޮތް އަނިޔާވެރިކަން އަލުން އިއާދަކުރަން ރައްޔިތުން ބޭނުން ނުވާތީކަމަށާއި، އެ ނާމާންކަމާއި އަނިޔާއަށް އަލުން ދިއުމަށް ރައްޔިތުން ނޭދޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހއ.ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ދަތުރުފުޅު ކުރެވިއްޖެކަމަށާއި، ފެނިވަޑައިގަންނަވަނީ އެމަނިކުފާނަށް މި އިންތިޚާބު ފަސޭހައިން ކާމިޔާބުކުރެވޭނެ މަންޒަރުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ