ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް އިޚުތިރާމު ކުރުމެއްނެތި ސަރުކާރުގެ ވެރިންނާއި ކަމާއި ގުޅުންހުރި ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން، އެޗްޕީއޭގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮވެ، އިންތިހާއަށް މާޔޫސްވެފައިވާކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ބޭނުންވާ ހަރަކާތްތައް ހިންގުމަށް އޮތް ހަނި ފުރުސަތުތައް ފުޅާކުރުމަށްޓަކައި އެޗްޕީއޭއާއިއެކު ބޭއްވި އެއް ގަޑިއިރުގެ މަޝްވަރާއަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާ ވިދާޅުވީ ހަމަހަމަ ފުރުސަތު އެޗްޕީއޭއިން ނުދޭ މައްސަލާގައި އެޗްޕީއޭއަށް އިދިކޮޅުގެ ކަންބޮޑުވުން ހުށަހަޅާފައި ވާނެކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް އެޗްޕީއޭއަށް ފޮނުވާފައި ސިޓީގެ ޖަވާބުވެސް ވަރަށް އަވަހަށް ދެއްވާނެކަމަށް ވިދާޅުވެފައިވަކަމަށެވެ.
ޝުޖާ ވިދާޅުވީ މިބައްދަލުވުމުގައި ދަރުބާރުގޭގައި ހަރަކާތްތެރިވާ އެޗްޕީއޭގެ އިސް ބޭފުޅުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، ޚިދުމަތްތެރިންގެ މޫނުމަތިން ފެނިގެން ގޮސްފައިވަނީ މާޔޫސްކަމާއި، ކަންބޮޑުވުންކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ބުނާނެ އެއްޗެއް ނޭގި އެޗްޕީއޭގެ ބޭފުޅުން ގޮތް ހުސްވެފައިވާ މަންޒަރު މިއަދު ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކަށްވެސް ހަމަހަމަ ކަމާއިއެކު ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުދެއްވާ މައްސަލާގައި މިކަންކަމުގައި ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެކަން ހަދާނެ ކޮށްދީފައިވާނެކަމަށް ޝުޖާ ވިދާޅުވިއެވެ. ޤާނޫނޫ އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ ހަމަހަމަ ފުރުސަތު ހަނިކޮށް ވަކި ބަޔަކަށް ވަކި ގޮތެއް ހެދުމަކީ ޤާނޫނީ ގޮތުންވެސް ޖަވާބު ދާރީ ވާންޖެހޭ ކަމެއްކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ފަރާތްތަކުންދަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހަމަހަމަ ފުރުސަތު ނުދޭ މައްސަލާގައި ކޯޓަށް ދިއުމަށްވެސް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ