ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ޤާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުންވެސް އެމަނިކުފާނުގެ ކެމްޕެއިނަށް ނިކުމެވަޑައިގެންފިއެވެ.
ޤާސިމް އިބްރާހީމްގެ 4 އަނބިން ތިއްބާވައިރު މީގެ ކުރިން ސިޔާސީ ކަންކަމުގައި ފެނިވަޑައިގަތީ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއެވެ. 2018 ވަނަ އަހަރު އެމްޑީޕީއާއެކު ހެދި ކޯލިޝަނާއެކު ނަހުލާ ވަނީ ރައީސް ޞާލިޙަށް ވެރިކަން ހޯއްދަވައދެއްވުމަށް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ. އޭގެފަހުން އިންތިޚާބު ކާމިޔާބުވުމާއެކު މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ނަހުލާ ދެމިހުންނެވިއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ޤާސިމް އިބްރާހީމް ކުރައްވާ ކެމްޕެއިންގައިވެސް އިސްކޮށް ނަހުލާ އުޅުއްވައެވެ. ނަމަވެސް ޤާސިމްގެ ހަގު އަނބިކަނބަލުން ފާތިމަތު ރާނިޔާވެސް މިހާރު ގެންދަވަނީ ޤާސިމް އިބްރާހީމަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން އދ.އަތޮޅުގެ ބައެއް ރަށްރަށް ރާނިޔާ ގެންދަވަނީ ވަޑައިގަންނަވަމުންނެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ދަނގެއްޗަށެވެ. ރާނިޔާއަށް އެ ރަށްރަށުން ދަނީ ހޫނު މަރުހަބާއެއް ދަންނަވަމުންނެވެ.
ޤާސިމްއާއި ރާނިޔާ ކައިވެނިބައްލަވާގަތީ 2020 ވަނަ އަހަރު ރާނިޔާގެ އުމުރުން 21 އަހަރުގައެވެ. އޭރު ޤާސިމްގެ ޢުމުރުފުޅަކީ 70 އަހަރެވެ.