ގުޅީފަޅުގައި ދެ އަހަރެއްހާ ދުވަސްތެރޭގައި މީހުންނަށް އާބާދުވެވޭވަރަށް އަސާސީ ޚިދުމަތްތައް ނިންމުމަކީ ސަރުކާރުގެ ޢަމާޒެއް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ގުޅިފަޅުން މިއަދު ވަނީ އެރަށުން ގޯތި ލިބުނު 21 މީހަކަށް ބިން ކަނޑައި އެ ތަންތަނުގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގުޅިފަޅުން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލުކުރި ފުރަތަމަ މީހަކީ އުމުރުން 65 އަހަރުގެ އަހުމަދު ޝާކިރެވެ. އޭނާ ބުނީ މިދިޔަ ތިރިހަކަށް އަހަރު އުޅުނީ މާލޭގެ އެކި ތަންތަނުގައި ކުއްޔަށް ކަމަށާއި މިއަދު މި ލިބުނީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ގުޅީފަޅުން އެންމެ ފުރަތަމަ ގޯތި ކަނޑާ ހަވާލުކުރައްވާފައިވަނީ މާލޭގެ ރައްޔިތެއްކަމަށްވާ އަޙުމަދު ޝާކިރުއާއެވެ. އެއީ 4 މީހުންގެ ޖޮއިންޓް އެޕްލިކޭޝަނުން ލިބިފައިވާ 2450 އަކަފޫޓުގެ ބިމެވެ. ގޯތީގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންއެވެ.
އަކްރަމް ކަމާލުއްދީން ވިދާޅުވީ 2 އަހަރެއްހާ ދުވަސް ތެރޭގައި މީހުން އާބާދުވާން ފެށޭވަރަށް ގުޅީފަޅުގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ޤާއިމުކުރެއްވުމުގެ ރާއްވަވާފައިވާކަމަށެވެ. އަދި ބްރިޖުން ގުޅާފަޅު ގުޅާލުމުގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ތެރޭގައި ކުރިއަށްގެންދަވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާ އަންނަ އަހަރު ކުރީކޮޅު ފަށާނެ. މި މަސައްކަތް އަހަރަކުން ނިމޭނެ. މިހާރުވެސް ކަމާގުޅުންހުރި އިދާރާތަކާއެކު ދަނީ މަސައްކަތް ކުރަމުން، އަސާސީ އެހެނިހެން ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް.
– އަކްރަމް ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ގޯތި ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނީ އެޗްޑީސީގެ ދަށުން ހަދާފައިވާ އޮންނަ އިމާރާތްކުރުމާއި ގުޅޭ އުސޫލުގެތެރެއިންކަމަށެވެ. ބިންވެރިޔާ ސްކީމުން މާލޭގެ 19639 ރައްޔިރުންނަށް ބިން ވަނީ ލިބިފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން މިއަދު ވަނީ ފަށާފައެވެ. pic.twitter.com/pVeLshWL8V
— Min.of National Planning, Housing & Infrastructure (@MoNPHImv) September 5, 2023
އެއީ 9000އަށްވުރެ ގިނަ ގޯއްޗެވެ. ގުޅިފަޅުން 4000 އަކަފޫޓު ފިޔަވާ، ދެން ހުރި 7 ސައިޒުގެ ގޯތި ކަނޑާ ދޫކުރާނެއެވެ. ހުޅުމާލެއިން ގޯތި ކެނޑުމުގެ މަސައްކަތްތައްވެސް ގެންދަވަނީ ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ