ރާއްޖެއަކީ އަމާން ސުލްހަވެރި ތަނަކަށް ހެދުމަށް ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު މިހާރު ޕްލޭނެއް ހެދި ނިމިފައިވާކަމަށް ހޯމް މިނިސްޓަރ އަދި އެމްޑީޕީ ކޯލިޝަންގެ ޕާޓްނަރު އިމްރާން ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް، ކެމްޕެއިންކުރަން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ހދ. މަކުނުދޫގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވަމުން ދާ ގޮތް ސަރުކާރަށް އެނގޭ ކަމަށާއި އެހެންވީމާ ރާއްޖެ އަމާންކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޕްލޭން މިހާރު އޮތީ ނިމިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެފަދަ ގިނަ ކަންތައްތައް މިހާރު ހުރީ ނިމިފައި ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރަށް ރާއްޖޭގެ ކުށުގެ ވެށި އެނގޭ މިންވަރުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކާއި ގޭންގްތަކާ ގުޅޭ މީހުން ވަކިންވަކިން އެނގުމެވެ.
އެނގިގެންނާއި ނޭނގި ތިބެ އެ ގްރޫޕްތަކަށް ވަދެފައި ތިބި ކުދިން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެކުދިންނ އިސްލާހުކޮށް، އުފެއްދުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެންނާނެ ގޮތް ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ.
– އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ރޭ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވަން ހާއްސަ ޕްލޭނެއް އެބަ އޮތް ކަމަށެވެ. އިމްރާން ވިދާޅުވީ ދީނަށް ފުރައްސާރަކުރާ "ކުދިން" އިސްލާހުކުރަން މަސަައްކަތްކުރާނެ މުރައްބީންނާއި ދާއީން ތަމްރީނުކުރާނެ ކަމަށެވެ. އެކަމަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ސަރުކާރުން އެކަަށައަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިމްރާން މިފަދައިން ވާހަކަ ދެއްކެވިއިރު ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު މިކަންކަން ތަންފީޒު ކުރުމަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ