ގާސިމްގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަން ނިންމާފައިވާ ތަރައްގީއަކީ މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ދެކެފައިނުވާ ފަދަ އީޖާބީ ތަރައްޤީ އެއް ކަމުގައި ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އަމީން ވިދާޅުވީ ގާސިމް ވެރިކަމަށް ވަޑައިގަންނަވަނީ ރާއްޖެ އަށް ވަރުގަދަ ތަސައްވުރަކާ އެކީގައި ކަމަށެވެ. އަމީން ވިދާޅުވީ ގާސިމަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި އޭނާ ވަޑައިގަންނަވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ތަސައްވުރަކާއެކުގައި ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ގާސިމްގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަން ނިންމާފައިވާ ތަރައްގީއަކީ މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ދެކެފައިނުވާ ފަދަ ތަރައްގީއެކެވެ.
އެމަނިކުފާނު (ގާސިމް) ވިދާޅުވީ ފާއިތުވީ 40 އަހަރު ރާއްޖެއަށް ގެނެވިފައިނުވާ ތަރައްގީ ކުރިޔަށް އޮތް ފަސް އަހަރު ހޯދައި ދޭނެ ކަމަށް.
– އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދެއްވާނީ ގާސިމްކަން ފާހަގަކުރައްވާ އަމީން ވަނީ ގާސިމްގެ ވެރިކަމެއްގައި ރައްޔިތުން ފެނަކައިގެ ބިލާއި ދަތުރުފަތުރުގެ އަގުތައް ހެޔޮކުރެވި ތައުލީމަށް ހޭދަކުރަންޖެހޭ ހޭދަތައް ނުކުރެވިގެން ނުދާނެ ކަމަށެވެ.
ތަރައްގީ ހާސިލްވާނެ ގޮތްތަކެއް ހޯދަން ޖެހޭ ގާސިމް އިބްރާހީމް ވެރިކަމަށް ގެންނަންޖެހެނީ ފާއިތުވި ސާޅީސް އަހަރު ރާއްޖެއަށް ގެނެވިފައިނުވާ ތަރައްގީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ހޯދުމަށް ކަމަށް އަމީން ވިދާޅުވިއެވެ.
ފާއިތުވި 30 ވަރަކަށް އަހަރު އައްޑޫ ސިޓީއަށް ނުލިބުނު ތަރައްގީ އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އަމީން ވަނީ އައްޑޫގެ ރައްޔިތުންނަށް ދެއްވާފައެވެ.
މި މަސައްކަތަށް ނިކުންނައިރު ރާއްޖޭގެ ހާލަތު ވަރަށް ނާޒުކު. މި މަސައްކަތަށް ނިކުންނައިރު ހުރި ގޮންޖެހުންތައް ވަަރަށް ބޮޑު. ކުރަން ހުރި މަސައްކަތްތައް ވަރަށް ބުރަ. ކީއްވެގެންތޯ؟ގައުމުގެ ފުދުންތެރިކަން ވަރަށް ފަހަތަށް ގޮސްފަވަނީ. ދަރަނި ވަރަށް މައްޗަށް ގޮސްފަވަނީ. ތަސައްވުރެއް އަޅުގަނޑުމެންގެ ތެރެއިން ނުފެނޭ. ވާވަޢުދުތަކެއް ފުއްދާ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ތަރައްގީއަށް ވާސިލްވާން. ބަދަލުތަކެއް އަންނާނެ ވިސްނުންތަކެއް ހުށަހަޅަން ޖެހޭ. އެ ތަސައްވުރަކީ ރާއްޖެއަށް ގެނެވޭނެ ތަރައްގީ މަގު ފެންނަން ހުރި ދޮރާށިތައް ދެނެގަތުން.
– އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދަށް ގާސިމް އިބްރާހީމް ގެނެސްދެއްވަން ވައުދުވެވަޑައިގެންފައިވާ ވައުދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ގާސިމްގެ މެނިފެސްޓޯ ތަންފީޒުވެއްޖެނަމަ އަހަރަކު ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ އާމްދަނީއެއް ލިބޭ ވަރުގެ އިގްތިސާދެއް ގައުމުގައި އޮންނާނެ ކަމަށެވެ.