ދިވެހިން މިއަދު މިދެކޭ މިނިވަންކަމަކީ، މިޤައުމުގެ މިނިވަކަމާއި ސިޔާދަތާއި އިސްތިޤުލާލު ދަމަހައްޓައި ދިނުމަށް ދިވެހި އެތައް އަބުޠާލުން ކޮށްދެއްވި އަގުހުރި މަސައްކަތުގެ ފޮނިމޭވާއެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުންނެއްޓި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަލުން ހަމަޖެހިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
އެދުވަހުން ފެށިގެން މިއަދައި ހަމައަށްވެސް ދިވެހިންގެ ތެރެއިން ބަޔަކާއި ބޭރުގެ ފަރާތްތަކާއި ގުޅިގެން ދިވެހިންގެ މިނިވަންކަން ގުޑުވާލަން އެކި މަސައްކަތް ކުރަމުންދާކަމީ ތާރީހުން ހެކިދޭ ކަމެކެވެ. އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުގައި ދިވެހިންގެ ކުރިމަތީގައި އޮތް އެންމެބޮޑު އެއް ސުވާލަކީ "މިނިވަންކަމުގެ" ސުވާލެވެ. މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތަކީ މިނިވަންކަން ހޯދުމަށް ކުރާމަސައްކަތަށްވުރެ ބޮޑު އަދި ބުރަކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
އިންތިޚާބާއި ކުރިމަތިލާއިރު މިނިވަންކަމާއި ގުޅުންއޮތް އެތައް ސުވާލުކެއް ދިވެހިންގެ ކުރިމަތީގައި އެބައޮތެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުމާއި، އުތުރު ތިލަފަޅު އެއްބަސްވުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަ ދިއުމަކީ މިނިވަންކަމާއި ގުޅުން އޮތް ސީރިއަސް މައްސަލަތަކެވެ. މިއިން އެއްވެސް ކަމެއްގެ ހަގީގަތެއް ދިވެހި ރައްޔިތުންނަށް މިއަދާއި ހަމައަށްވެސް ހާމަވެ ފެންނާކަށް ނެތެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދެއް، އުުތުރު ތިލަފަޅު އެއްބަސްވުމުގައި ހުރި ކަންކަމެއް އަދި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ޞާލިހު ފޮނުއްވި ސިޓީގައި އޮތް އެއްޗެއް އެނގޭ ހަމަ އެއްވެސް ދިވެހި ރައްޔިޔަކު ނެތެވެ.
ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ދިވެހިރާއްޖޭގެ ސަރަހައްދުން ޒަރެއްގެ މިންވަރުވެސް އެހެން ޤައުމަކަށް ދެވޭނީ ނުވަތަ ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކުގައި ކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް މިކަންވެސް މިމަގުން ހިނގާފައި ނުވެއެވެ. ރޭ ބޭއްވި ރިޔާސީ ބަހުސްގައި މިސުވާލުގެ ޖަވާބު ވަރަށް ސާފުކޮށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިއްޒު ވަނީ މިނިވަންކަން ނަގާލައި މިިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް މިފަސްގަނޑުން ކުޑަވެސް ޖާގައެއް ނެތްކަމަށެވެ. ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަކަށްވެސް އަދި އަޑިނޭގޭ އެއްވެސް ވުންތަކަކަށްވެސް މިޤައުމުގައި ޖާގައެއް ނުދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ތިބެގެން ނުވާނެ. އެއީ ދިވެހިން ބޭނުންވާ ގޮތެއްނޫން. އެހެން ވެގެން އަޅުގަނޑުމެން ދިވެހިންގެ ރާއްޖެ ހޯދަން މިއުޅެނީ. މިތަނުގަ އެއްވެސް ޤައުމެއްގެ ސިފައިން ބޭސްވެ މިތާގަ ނުތިބެވޭނެ. މިކިޔަނީ މަނަވަރެއްގަ އައިސް މިތާގަ ޓްރޭނިން ހަދާ ވާހަކައެއް ނޫން. 5 އަހަރެއްގަތޯ މިތާ މަނަވަރެއްގަ އައިސް ޓްރޭނިންގަ މިތިބެނީ. އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމެނެތް މިހާރު. ބޭރުގެ ނުފޫޒުގެ ސަބަބުން އަޅުގަނޑުމެން ކަނޑުވެސް ގެއްލިގެން މިދިޔައީ. އަޅުގަނޑުމެންގެ މަސްކަނޑުވުން ބޮޑުބައެއްވެސް ގެއްލިގެން މިދިޔައީ މިއަޅުވެތި ކަމުގެ ސަބަބުން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން އަނބުރާ ހޯދަން މަސައްކަތް ކުރަން.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތު ގެންގުޅޭނީ ހުރިހާ ގައުމަކާވެސް ގާތް ގުޅުމެއް ބާއްވައިގެން ކަމަށެވެ. އަބަދުވެސް އިސްކުރާނީ ދިވެހިން ކަމަށާއި ދިވެހިން ތިބި ގައުމުތަކާއި، އަދި ދިވެހިން އާންމުކޮށް ދާ ގައުމުތަކާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް އެއްވެސް ގައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިނން ފަހަނައަޅައިދާ ކަމުގައިވާ ނަމަ އެކަމަށް ޖާގަ ނުދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ އިމުގެ ތެރެއަށް ވަދެ ދިވެހިންގެ ދާހިލީ ކަންކަމާ ބެހި މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް ހާރިޖީ ސިޔާސަތުގެ ތެރެއިން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހިންގެ ގޯތީގެ ވަށާފާރު މަތިން ނާރާހާ ހިނދަކު، އަޅުގަނޑުމެންނާ ކޮންމެ ގައުމަކާ ގުޅުން އޮންނާނެ. އަޅުގަނޑުމެންނަކީ އެއްވެސް ގައުމަކާ ދެކޮޅުވެގެން އުޅޭ ގައުމެއް ނޫން. އަޅުގަނޑުމެންގެ ބަސް ބުނެ، އިސްތިގްލާލް ހިމާޔަތް ކުރެވޭ ކަމުގައިވާ ނަމަ، އެއީ އަޅުގަނޑުމެން އިސް ކުރާނެ ގޮތް.
– މުއިއްޒު ވިދާޅުވިއެވެ.
މިއަދު ދިވެހި ރައްޔިތުން މިދެކޭ މިނިވަންކަމަކީ ދިވެހި ދަރިންތަކެއް ޤައުމަށްވީ ޤުރުބާނީއެވެ. މިނިވަންކަން ދިފާއުކުރުމަށްޓަކައި މިއަދު ކުރަންޖެހިފައިވަނީ އަނެއްކާވެސް ބުރަ އަދި ބޮޑު މަސައްކަތެކެވެ. މިކަން ކުރެވޭނީ އެއަޒުމުގައި އެމިސްރާބަށް އަމާޒުހިފައިގެން ތިބި ބަޔަކަށެވެ.