ޒިޔަތުގެ 32 ދައުވާގެ 11 އަހަރުގެ ހުކުމް މިއަދު 9:30 ގައި

ޒިޔަތުގެ 32 ދައުވާގެ 11 އަހަރުގެ ހުކުމް މިއަދު 9:30 ގައި

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2020 08:41
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރި ޚިޔާނާތުގެ 32 ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ މައްސަލައިގެ ޙުކުމް އިއްވުމަށް މިއަދު 9:30 ގައި ބާއްވަން ތާވަލް ކޮށްފިއެވެ.

މިމައްސަލައިގައި ޙުލުމުން އިއްވުމަށް އިއްޔެ 10:30ގައި ބޭއްވުމަށް ތާވަލުކުރިނަމަވެސް ޝަރީއަތުގެ މަޖިލިސް ނުފެށި ގިނައިރުތަކެއްވިފަހުން ކްރިމިނަލްކޯޓުން ވަނީ އެމައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފައެވެ.

ޒިޔަތު 32 ދައުވާއަށް އިޢުތިރާފްވެފައި ވަނީ ޅ.މާބިންހުރާގެ މައްސަލާގައި 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ.މުޙައްމަދު އިބްރާހީމް ވަނީ ޖަލު ހުކުމުގެ އިސްތިއުނާފް އަނބުރާ ގެންދިއުމަށް އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އެފަދަ ސިޓީއެއް ފޮނުވާފައިވާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ޒިޔަތު ވަނީ އެފަދަ ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުވާފައިވާ ސިޓީއެއްކަމަށާއި، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމެވި ނިންމުމެއްކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

ފަނޑިޔާރު ވަނީ އެފަދަ އިޢުތިރާފް އެއްބަސްވުމެއްގެ ނަތީޖާ އެނގިވަޑައިގަންނަވާތޯ ޒިޔަތާއި ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޒިޔަތު ވިދާޅުވީ އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. މިމައްސަލައިގެ އިސްތިއުނާފް ރައްދުވާ ދައުލަތުގެ ވަކީލް ވިދާޅުވީ، ޒިޔަތާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހަދާފައިވަނީ ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަޝްވަރާކުރުމަށްފަހުކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު ގެންދަނީ ތަންފީޒުކުރަމުންނެވެ. ހޯމް މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން ޒިޔަތު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުން މިއަދު ނިންމާފައިވެއެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޒިޔަތުގެ ދިފާއީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.