ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ، ރައީސްގެ މަރުޙަބާ!

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ، ރައީސްގެ މަރުޙަބާ!

Author
އައިޝަތު އަޙްމަދު
30 އޮގަސްޓް 2023 10:15
0

ގދ.ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކޮށްފިއެވެ. ރައީސް ވިދާލުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ އެކަމުގެ ޤަރާރުގައި މިއަދު މާލޭގައި ސޮއިކުރައްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި، ޤާނޫނުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ދާއިރާއަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުތުތައް ތިނަދޫގައި ފުރިހަމަ ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ޤަރާރުގައި ބަޔާންކުރައްވަފައިވެއެވެ.

ތިނަދޫސިޓީއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 5 އަކަށް ބަދަލުވެގެންދިޔައީއެވެ.

 

ތިނަދޫ ސިޓީއަކށް ބަދަލުކުރައްވާ ރައީސް އިޢުލާންކުރެއްވި މަޝްރޫޢުތައް:
– ޓާޝަރީ ހޮސްޕިޓަލެެއް ތަރައްޤީކޮށް، މިހާރުގެ ހޮސްޕިޓަލަކީ މެޑިކަލް ދާއިރާގެ ކެމްޕަހަކަށް ބަދަލުކުރުން

– ބައިނަލްއަޤްވާމީ ޕޯޓެއް ތައްޤީކޮށް، ކަސްޓަމްސްއާއި، އިމިގްރޭޝަން އަދި އެމްޕީއެލް ޤާއިމްކުރުން

– 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުން

– 120 ޓަނުގެ ފްރީޒިން ފެސިލިޓީ

– 500 ހައުސިން ޔުނިޓް އެޅުން

– ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުން

– ހުރިހާ މަގުތަކެއް ތާރުއަޅައިގެން ތަރައްޤީކުރުން

– ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަލް ކުރުން

– ބިންހިއްކާ ޓޫރިޒަމް ޒޯން ތަރައްޤީކުރުން

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.