ރައީސް ސާލިހު މިއަދު ގދ. ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި، މިރޭ އެރަށުގައި ބާއްވާ ކެމްޕޭން ޖަލްސާގައި ދިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިކަން އަދި ކަށަވަރު ކުރެވިފައި ނުވި ނަމަވެސް، ރައީސް ސާލިހު މިކަން އިއުލާން ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ އެރަށުގައި ބާއްވާ ރައީސް ސާލިހުގެ ކެމްޕޭން ޖަލްސާގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސް ސާލިހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންދާ ކެމްޕޭން ދަތުރުފުޅުތަގައި އެންމެފަހުން ވަޑައިގެންފައިވަނީ ލ. އަތޮޅުގެ ރަށްތަކަށްށެވެ. އޭގެ ކުރިން ރައީސް ސާލިހު ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރު ކުރައްވާފައިވާއިރު، ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކަށްވެސް ވަނީ ދަތުރު ކުރައްވާފައެވެ. އެހެންނަމަވެސް ހުވަދޫ އަތޮޅުގެ ރަށްތަކުން މިހާތަނަށް ރައީސް ސާލިހު ވަޑައިގެންފައި ނުވާ ހަމައެކަނި ރަށަކީ ގދ. ތިނަދޫއެވެ.
ތިނަދޫއަށް މިރޭ ރައީސް ސާލިހު ސިޓީއެއްގެ ދަރަޖަށް ދިނުމަށް ހަމަޖެހިފައިވޭތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާ ގޮތް ގާނޫނުގައި އެބައޮތް ކަމަށާއި، ތިނަދޫއަށް ސިޓީއެއްގެ ދަރަތަ ދޭކަމަށްވާނަމަ އެ ދަރަޖަ ލިބިގެންދާނީ ގާނޫނުގައިވާ ހަމަތަކުގެ ތެރެއިން ކަމުގައެވެ.
ރަށެއް ސިޓީއަކަށް ބަދަލުވާނެގޮތް ގާނޫނުގަ އެބައޮތް. އޭގެ ހަމައިގެ ތެރެއިން އަޅުގަޑު ކުރާކަމެއް ކުރާނީ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އަޅުގަޑު ދޭކަމަށް ވާނަމަ، އަޅުގަޑު ދޭނީ ގާނޫނީގޮތުން އެ ހަމަވާންޖެހޭ ކަންތައްތައް ހަމަވީމަ.. އެ ހުރިހާ މަރުހަލާއެއް ފުރިހަމަވެފަ އޮވެއްޖެއްޔާ އެކަން ވާނެ.
ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
މިރޭ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ހަމަޖެހިފައިވާއިރު، ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ދެން އެމަނިކުފާނު ތިނަދޫއަށް ވަޑައިގަންނަވާނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ކަމުގައެވެ.
އެގޮތުން މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު ތިނަދޫ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީ އަށް ފަހު ލަސްތަކެއް ނުވެ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ ގާނޫނީ ގޮތުން ވަކި ޝަރުތުތަކެއް ހަމަވުމުންނެވެ. އެ ޝަރުތު ތަކަކީ:
- ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 (ދިހަހާސް) އަށްވުރެ ދަށްނުވުން.
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން.
- ޓަރޝަރީ ހޮސްޕިޓަލެއް ހުރުން.
- ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ޙާޞިލުކުރެވޭނެ މަރުކަޒެއް ޤާއިމުވެފައިވުން.
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން.
- ސިޓީގައި ކޮމާޝަލް ހާބަރއެއްގެ ޚިދުމަތް ލިބެންހުރުން.
- ސިޓީގައި ބޭންކެއްގެ ޚިދުމަތް ލިބެން ހުރުން.
މިކަންކަން ފުރިހަމަވާނަމަ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ހުށަހެޅުމާ އެއްގޮތަށް ސިޓީއެއްގެ ދަރަޖަ ދެވިދާނެއެވެ.
ކޮމެންޓު ފޮނުވާ