ރިޔާސީ އިންތިޚާބުގެ ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭކަމަށް ބުނެ މޯލްޑިވްސް ނޭޗަނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުންފާޅުކޮށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށައަޅައިފިއެވެ.
އެމްއެންޕީން އިލެކްޗަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައިވަނީ ރިޔާސީ އިންތިހާބުގައި ވަކި ކުލައެއްގެ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް އަންގައި، ވޯޓުގެ ސިއްރުކަން ގެއްލުވައިލަން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އެފަދަ ޝަކުވާތައް އެޕާޓީއަށް ލިބެމުން އަންނަކަމަށްވެސް ސިޓީގައިވެއެވެ.
އެފަދަ ޢަމަލުތަކަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތަށް ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ އަމަލެއްކަމަށް ބުނެފައިވެއެވެ. ނުރަނގަޅު ނުފޫޒެއް ނެތި، މިނިވަން އަދި އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ކަންކަމާމެދު މެދު މަޝްވަރާކުރަން ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށްވެސް އެމްއެންޕީން ވަނީ އެދިފައެވެ.
އެމްއެންޕީން މި ޝަކުވާ އީސީއަށް ހުށައަޅާފައިވާއިރު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އަދި ސިޔާސީ ބައެއް ޕާޓީތަކުންވެސް ވަނީ ދައުލަތުގެ މުދަލާއި ވަސީލަތް އަދި މުވައްޒަފުން އިންތިޚާބަށް ބޭނުންކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ.
ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅޭނެކަމެއްގެ ގޮތުގައި އެމްއެންޕީން ސިފަކޮށްފައިވެއެވެ.