ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ ކާމިޔާބުވެއްޖެނަމަ، ބްރިޖުން ދަތުރުކރާ މީހުންގެ އަތުން 20ރ ގެ ފީއެއް ނަގާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ. އެ ވާހަކަތަކާއި ގުޅިގެން ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށެވެ. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއްގެ ގޮތުގައި މުޢިއްޒު ސިފަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއް.
— Dr Mohamed Muizzu (@MMuizzu) August 29, 2023
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙައި، އެމަނިކުފާނުގެ ކެމްޕެއިން ތަރުޖަމާން، މާރިޔާ އަޙްމަދު ދީދީވެސް ގެންދަވަނީ ޑރ.މުޢިއްޒަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ޒަޢާމަތުގައި މުޢިއްޒުގެ މޭސްތިރިކަމުގައި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ބިނާއެވެ. ބްރިޖާއެކު މާލެ ސަރަހައްދުގެ ދަތުރުފަތުރާއި ވިޔަފާރިތަކަށް ވަނީ ބޮޑު ބަދަލެއް ގެނުވާފައެވެ. ކަނޑު މަގުން ކުރަމުންދިޔަ ދިގު ދަތުރުތައް ބްރިޖާއެކު ނިމުމަކަށް ގެނެސް ތަރައްޤީގެ ބޮޑު ހިއްސާއަކަށް ބްރިޖު ވަނީ ވެފައެވެ. މާލެއިން ހުޅުމާލެ އަށް ކަނޑުމަގުން ކުރި 30 މިނެޓުގެ ދަތުރު، ބްރިޖު ހުރަސްކޮށް، 10 މިނެޓުގެ ކުރު ދަތުރަކަށް ވަނީ ބަދަލުވެފައެވެ.
ބްރިޖަށް މާދަމާ ފަސް އަހަރު ވާނެއެވެ. ސިނަމާލެ ބުރިޖުގެ މަސައްކަތް ނިމި ބްރިޖް ހުޅުވީ 30 އޮގަސްޓް 2018 ގައެވެ.