ރާއްޖޭގެ ރައީސްކަމަށް ގެންނަންވާނީ ތައުލީމީ ޤާބިލްބޭފުޅެއް، އެބޭފުޅަކީ ޑރ.މުއިއްޒު: ޝަހީމް

ރާއްޖޭގެ ރައީސްކަމަށް ގެންނަންވާނީ ތައުލީމީ ޤާބިލްބޭފުޅެއް، އެބޭފުޅަކީ ޑރ.މުއިއްޒު: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2023 10:10
0

ރާއްޖޭގެ ވެރިކަމަށް މީހަކު އިންތިޚާބު ކުރާއިރު، ރައްޔިތުން އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ތައުލީމީ ޤާބިލް ބޭފުޅަކު އިންތިޚާބު ކުރުމަށް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ވެރިކަމީ ދިވެހި ރައްޔިތުންގެ އެންމެހާ މަސްއޫލިއްޔާތާއި ހަވާލު ކޮށް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހަވާލު ކުރެވޭ އަމާނާތެއް ކަމަށެވެ. މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ދެމެހެއްޓުމަކީ ވެރިއެއްގެ ވާޖިބެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ޒިންމާއަކީ ވެރިޔަކު އިންތިޚާބު ކުރާއިރު ތައުލީމީ ބޭފުޅަކު އިންތިޚާބު ކުރެއްވުންކަމަށެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އިލްމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުންނާއި ޤާބިލްކަމުގެ ގޮތުންވެސް އެއްވެސް ސުވާލެއް އޮތް ކެންޑިޑޭޓެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. ޤައުމުގެ ހުންގާނާއި ހަވާލުވާ މީހަކީ ތައުލީމެއް ނެތް މީހަކަށްވާނަމަ އެޤައުމެއްގެ މިސްރާބެއް ނޯންނާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

ޢިލްމީ ބޭފުޅަކު ރާއްޖޭގެ ޒަޢާމަތުގައި އިންނަންޖެހޭނީ. ތައުލީމީ ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި އިންނަވަން ޖެހޭނީ. އިސްލާމީ ތައުލީމާއި އިލްމީ ކަންކަން ލޯހުޅުވިފައިވާ ބޭފުޅަކު ރައީސް ކަމުގައި ހުންނަވަން ޖެހޭނީ. މިކަމުގައި އަންހެން ކަނބަލުންގެ ދައުރު ބޮޑު. ޒުވާނުންގެ ދައުރުބޮޑު.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ 9 ސެޕްޓެމްބަރުގައި ނަގާ ވޯޓަކީ ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ ތަރައްޤީއާއި ގުޅިފައި އޮތް ބޮޑު ވޯޓެއް ކަމަށެވެ. ރައްޔިތުން ނިންމަވާ ގޮތަކުން ޤައުމުގެ މިސްރާބު ފަހަތަށް ދިއުމަކީ ދުރު ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޒުވާނުންނާއި، އެކި އުމުރުގެ ބޭފުޅުންގެ މައްސަލަތަކަށް ހައްލު ގެނެވޭނީ ޑރ.މުއިއްޒަށް. މުއިއްޒަކީ ކޮންމެ އުމުރަކަށްވެސް ކޮންމެ މީހަކަށްވެސް ޚިދުމަތް ކޮށްދެއްވި ޚިދުމަތްތެރިއެއް. ރައްޔިތުން ޓެސްޓްކޮށް އިތުބާރު ހޯދާފައިވާ ބޭފުޅެއް.

– ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހުރިހާ ރައްޔިތުން އަތާއި އަތް ގުޅާލައި ޑރ.މުއިއްޒު އިންތިޚާބު ކުރެއްވުމަށް ގޮވާލާފައެވެ. ޑރ،.މުއިއްޒަކީ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ ބޭފުޅުންނާއިއެކުވެސް ކުރިއަށް ދެވޭނެ ގާބިލް ބޭފުޅެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.