5 އަހަރު ތެރޭ 70 އިންސައްތައާ ގާތްކުރާ މިންވަރަށްވެސް ނަހުލާ އޮފީހަށް ވަޑައިގެންފައެއް ނުވޭ: ހަމަދު

5 އަހަރު ތެރޭ 70 އިންސައްތައާ ގާތްކުރާ މިންވަރަށްވެސް ނަހުލާ އޮފީހަށް ވަޑައިގެންފައެއް ނުވޭ: ހަމަދު

ފާއިތުވެދާ 5 އަހަރު ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ 70 އިންސައްތައާ ގާތްކުރާ މިންވަރަށްވެސް އޮފީހަށް ވަޑައިގެންފައިނުވާ ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަމަދު ޢަބްދުލްޣަނީ ވިދާޅުވެއްޖެއެވެ.

ހަމަދު މިހެން ވިދާޅުވީ އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން އޭނާއާއި ހަވާލުކޮށްފައިވާ އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުފަތުރާގުޅޭ އެންމެހައި މަސައްކަތްތައް ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު އާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވެ، 27 އޯގަސްޓް 2023ގައި މިނިސްޓަރު ނަހުލާ އޭނާއަށް ފޮނުވި މެމޯއަށް ރައްދުދީ ނަހުލާއަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައެވެ.

މިނިސްޓަރު ނަހުލާއަށް އެޑްރެސްކޮށް ހަމަދު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ނަހުލާ އޮފީހަށް ވަޑައި ނުގެންނެވި ނަމަވެސް ދަތި އުނދަގޫތަކާއެކުވެސް އޮފީހުގެ ހިންގުން ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވުނީ އޭނާގެ ސަބަބުން ކަމުގައެވެ.

އަދި ވިދާޅުވެފައިވަނީ ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި އޮފީހަށް ވަޑައިނުގެންނެވި ނަމަވެސް، މިނިސްޓަރު ނިސްބަތްވާ ސިޔާސީ ޕާޓީގެ ބައްދަލުވުންތަކަށް ބަރާބަރަށް ވަޑައިގަންނެވުމުގެ އިތުރުން، "ނުކިއްސަރު" މަގުން ޑޮމެއިން ވިއްކެވުމުގެ ކަންކަމުގައި ނަހުލާ މިނިސްޓްރީއަށް ވަދެވަޑައިގަންނަވާކަން އޭނާއަށް އެނގޭ ކަމުގައެވެ.

ވޭތެވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 70 އިންސައްތައާ ގާތްކުރާ މިންވަރަށްވެސް މިނިސްޓަރު އޮފީހަށް ވަޑައިގެންފައިނުވާތީ، ދަތި އުނދަގޫތަކާއެކުވެސް އޮފީހުގެ ހިންގުން ހުއްޓުމަކަށް ނުގެނެސް ކުރިއަށް ދެވުނީ ތިޔަ ވިޅާދުވާ އަދަބު އިޙްތިރާމް ކުޑަކުރި ޙަމަދު ޢަބްދުލްޣަނީގެ ސަބަބުން ކަމެވެ. ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި އޮފީހަށް ވަޑައިނުގެންނެވި ނަމަވެސް، މިނިސްޓަރު ނިސްބަތްވާ ސިޔާސީ ޕާޓީގެ ބައްދަލުވުންތަކަށް ބަރާބަރަށް ވަޑައިގަންނަވާކަމާއި، ނުކިއްސަރު މަގުން ޑޮމެއިން ވިއްކެވުމުގެ ކަންކަމުގައި މިނިސްޓްރީއަށް ވަދެވަޑައިގަންނަވާކަން އަޅުގަނޑުވެސް ދެނަހުރިކަމެވެ.

ހަމަދު ނަހުލާއަށް އެޑްރެސްކޮށް މިއަދު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މި ސިޓީގައި ހަމަދު ވަނީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ގަވާއިދުތަކާއި އަދި އުސޫލުތަކާއި ޚިލާފަށް ހިނގަމުންދާ ގިނަ ކަންތައްތަކެއް ބަޔާންކޮށް، އެކަންކަމުގެ މައުލޫމާތު ކަމާއި ގުޅުންހުރި މުވައްސަސާތަކާއި ހިއްސާކުރުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

މިގޮތުން، ގަވާއިދުތަކާއި އަދި އުސޫލުތަކާއި ޚިލާފަށް ހިނގަމުންދާ ގިނަ ކަންތައްތަކެއް ބަޔާންކޮށް، ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށް އެޑްރެސްކޮށް ހަމަދު ފޮނުވި ސިޓީ މިހާރުވަނީ އޭނާގެ އަމިއްލަ ޓުވިޓަރ ހޭންޑްލްއިން ޓުވީޓު ކޮށްފައެވެ. މިސިޓީގައި ހަމަދު ވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިނިސްޓަރު ކަމުގައި ހުންނަވައިގެން، ގަވާއިދާ ޚިލާފަށް ޑޮމެއިން ވިއްކައިގެން ކަޅު ފައިސާ ރައްކާ ކުރަމުންދާކަމުގެ ތުހުމަތު ކޮށްފައެވެ. އެފައިސާ ރައްކާ ކޮށްފައި ހުރި ތަންތަން ކަމާއި ގުޅުންހުރި މުވައްސަސާތަކާއި ހިއްސާކުރުމަށް ތައްޔާރަށް ހުރިކަމަށްވެސް ހަމަދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ނަހުލާއަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި ވަނީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ދައުލަތުގެ އެންމެހައި މުދަލާއި ފައިސާ ހެޔޮގޮތުގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުމުގެ ބަދަލުގައި، އެކަންކަމުން ނަހުލާ ގަވާއިދާ ޚިލާފަށް މަންފާ ހޯއްދަވާ ކަމަށްވެސް ތުހުމަތު ކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އެތެރޭގައި ގާނޫނާއި ޚިލާފަށް، ކޮރަޕްޝަންގެ އުސޫލުން ހިގަމުންދާ ގިނަ ކަންކަމުގެ ޒިންމާ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ނަގަންވަންޖެހޭނެކަމަށް މޭރުކޮށް ހަމަދު ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ، މިނިސްޓްރީގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދެއްކުމުން އެކަންކަން ބެލުމުގެ ބަދަލުގައި، އެކި ސިފަ ސިފައިގައި ބިރު ދެއްކުމަށްފަހު، އެވަރުންވެސް އޭނާ ފަހަތަށް ނުޖެހުމުން، ނުލިބޭ ބާރުގެ ބޭނުންކޮށްގެން އޭނާއާއި ދެކޮޅަށް ނަހަމަ ގޮތުގައި ނަހުލާ މަގާމުގެ ނުފޫޒު ބޭނުންކުރަމުންދާ ކަމުގައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއަކީ މިހާތަނަށްވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން އައިސްފައިވާ މިނިސްޓްރީއެކެވެ. އެހެންނަމަވެސް މިމައްސަލަތަކާއި ގުޅޭގޮތުން މިހާތަނަށްވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ. އަދި ނަހުލާއާއި މައްސަލަޖެހ މީގެ ކުރިންވެސް އެމިނިސްޓްރީގެ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް ބަދަލުކުރާންޖެހިފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *