ރާއްޖޭގެ އެންމެ ބޮދު ދެޕާޓީއަށް ވެރިކަން ކުރަން ފުރުސަތުދީ އެމީހުން ޓެސްޓު ކުރެވިފައިވާކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީތަކުގެ ޢާންމު މެމްބަރުން މިފަހަރު އޭނާއަށް ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭންގައި އއ.ބޮޑުފުޅަދޫއަށް ވަޑައިގެން ޤާސިމް ވަނީ އެރަށުގެ ރައްޔިތުންނައި ބައްދަލުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވިސްނުން ތެރިކަމާއިއެކު ވޯޓު ދިނުމަށް އެދި ވަޑައިގެންފައެވެ. މިހާތަނަށް ބޮޑު ޕާޓީތަކަށް ވޯޓު ދީގެން ރައްޔިތުން އެބޭފުޅުން ޓެސްޓު ކޮށްފައިވާއިރު ދެން އިތުރު ފުރުސަތެއް އެބޭފުޅުންނަށް ދޭންޖެހޭ އެއްވެްސ ސަބަބެއް ނެތްކަމަށް ޤާސިމް ވިދާޅުވިއެވެ.
2 ފަހަރަށް އެމްޑީޕީއަށް 1 ފަހަރަށް ޕީޕީއެމްއަށް، ކީއްތޯ ވާނީ އަޅުގަނޑަށް އެއްފަހަރު މިދެޕާޓީގެ ބޭފުޅުން އަލުން ވޯޓު ދީގެން އެއްފަހަރާ އެކަން އެއް އަޑަކުން އެއްފަހާ އެކަން ނިންމަން. އެއްފުރުސަތު ދެއްވާށޭ އަޅުގަނޑަށް. ޤައުމު އަމާން އައްސޭރިއަކަށް ގެންގޮސް ދޭން އަޅުގަނޑު މިހިރީ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ނިކުންނަވާފައިވާ ކެންޑިޑޭޓުންނަށް ބަލާއިރު ރައްޔިތުން ވޯޓު ދޭން ހައްގީ ކޮން ކެންޑިޑޭޓަކަށްކަން ސާފު ކަމަށެވެ. އަމިއްލަ ގޮތުންނާއި އެނޫން ގޮތްތަކުންވެސް ރައްޔިތުންނަށް ޚިދުމަތް ދިނީ ހަމައެކަނި ޢޭނޭ ކަމަށެވެ. އިންތިޚާބާ ދިމާކޮށް ރައްޔިތުން ފެންނަ ސިޔާސީ މީހަކަށްވެސް ނުވާ ހަމައެކަނި މީހަކީ އޭނާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ މިބައްދަލުވުމުގައި އެމްޑީޕީއަށް ދެފަހަރު ވެރިކަން ދިނުމުންވެސް ކަންކަން ކުރިގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަނޑައެޅިގެން ޤާނޫނު އަސާސީއާއި އެތަކެއް ފަހަރަކު ޚިލާފް ވެފައިވާއިރު ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދި ޤާސިމް ވިދާޅުވީ ރައީސް ޔާމީނާއި ޕީޕީއެމްއިންވެސް ވެރިކަން ކުރީ ވަރަށް ނުބައި ނުލަފާކޮށް ކަމަށެވެ. ވައްކަންކޮށް ސިޔާސީ ވެރިން ޖަލަށްލައިގެން ކުރި އަނިޔާތަކަކީ ދިވެހިން ހަނދާން ނެތޭނެ ކަންކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ބޮޑުފުޅަދޫ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ވެރިކަން ލިބިއްޖެނަމަ ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ