ރިޔާސީ ކެމްޕޭންގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ހުވަދު އަތޮޅު ދެކުނުބުރީ ވެރިކަންކުރާ ރަށް ތިނަދޫއަށް ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުޚަބާއެއް ދަންނަވައިފިއެވެ.
ތިނަދޫއަކީ ގދ.އަތޮޅުގެ އަތޮޅުވެރިކަން ކުރާ އަދި ދެކުނުގައިވެސް އާބާދީ ބޮޑު އާބާދީތަކުގެ ތެރެއިން އާބާދީއެއް އޮންނަ އެއްރަށެވެ. ތިނަދޫއަށް މުއިއްޒު ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެފައެވެ. ތިނަދޫ ކުދިބޮޑު ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނިކުމެ މުއިއްޒުއަށް މަރުހަބާ ކިޔާފައިވާއިރު މިއީ ހުވަދު އަތޮޅުން ކީ އެންމެ ހޫނު މަރުހަބާކަންވެސް ފާހަގަކޮށްލެވެއެވެ.
ތިނަދޫއަކީ މިސަރުކާރުން ސިޓީއަކަށް ބަދަކުރާނެ ކަމަށް ވައުދުވެ އެކަން ނުވެ އޮތް ބޮޑު އަބާދީއެކެވެ. ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަށް ސަރުކާރަށް މިހާރު ވަރަށް ބޮޑު ގޮންޖެހުމެއްވެސް އެބައޮތެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނަަށް އިސްލާހު ނުގެނެސް ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަކީ ނުކުރެވޭނެ ކަމަކަށްވާތީއެވެ.
ރައީސް ޞާލިހު ތިނަދޫއަށް މިމަހު 30 ވަނަ ދުވަހު ދިއުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ތިނަދޫން މުއިއްޒަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނިކުތްއިރު، މިފަހަރުގެ އިންތިޚާބުގައި ތިނަދޫއިން ސާފު އައުލަބިއްޔަތު މުއިއްޒު ނަގާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ތިނަދޫގެ ތަމްސީލް ކުރާ މަޖިލިސް ދެމެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ދެމެމްބަރުންނަށް ވީނަމަވެސް، ތިނަދޫއަށް ވީވައުދުތައް އެންމެ ރަނގަޅަށް ތަންފީޒު ނުވުމުން ތިނަދޫ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން އެބައޮތެވެ. ތިނަދޫގައި މުއިއްޒު ބައިވެރިވާ ބޮޑު ޖަލްސާ އޮންނާނީ މިރެއެވެ.