ތ.އަތޮޅު ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގައި ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިޔަމިގިލީގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ދިޔަމިގިލީގެ ތަރައްޤީއަށް އެރަށޫގެ ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެކަމަށެވެ. އެގޮތުނ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއްކަމަކީ ރަށްގިރުމުގެ މައްސަލަ ޙައްލު ކޮށްދެއްވުންކަމަށް ވިދާޅުވެ ރައީސް ވަނީ އެކަން ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަރަށް އަވަހަށް ރިވެޓްމަންޓް ޖަހަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ދިޔަމިގިލީގެ ބިންހިއްކާ ނިމޭއިރު މެދުފުށްޓާ ގުޅާލާނެކަމަށެވެ. އަދި އެއަށްފަހު މަޑިފުއްޓާ ކޯޒްވޭއަކުން ގުޅާލާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް އިޢުލާންކުރައްވަމުން ރައީސް ވިދާޅުވީ، އެރަށޫގެ ބޯހިޔާވަހިކަމަށް އޮތް މައްސަލަ ޙައްލުކުރެއްވުމަށ ފްލެޓް ނުވަތަ ރޯހައުސް އަޅުއްވައިދެއްވާނެކަމަށެވެ. އަދި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދިޔަމިގިލީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އަވަހަށް ފަށައި، މަސައްކަތް ކުރިޔަށްދާއިރު ރައްޔިތުން އެދުނު ގޮތަށް އިރުމަތީ ފަރާތުގައި ރިވެޓްމަންޓް ޖަހައިދޭނަން.
– ރައީސް ވިދާޅުވިއެވެ.
އެރަށު ސްކޫލަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށްދެއްވުމުގެ ގޮތުން މަލްޓިޕާޕޮސް ހޯލަކާއެކު އިތުރު ވަސީލަތްތައް ހޯދައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަރުމަހުގެ މަސްވެރިކަން ކުރާ ރަށެއްކަމުން، އެރަށުން އައިސް ލިބޭނެ އިންތިޒަމް ހަމަޖައްސައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިދައުރުގެ ތެރޭގައި ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް ނިންމެވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާޙަގަކުރައްވާފައެވެ.