ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީއަށް ދެވޭގޮތަށް ބަދަލެއް، ނުހިއްކާތާކުންވެސް ގޯތި ދީ ރަޖިސްޓްރީ ދެވޭނެ!

ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީއަށް ދެވޭގޮތަށް ބަދަލެއް، ނުހިއްކާތާކުންވެސް ގޯތި ދީ ރަޖިސްޓްރީ ދެވޭނެ!

ދިރިއުޅުމަށްޓަކއި ދޫކުރާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ ވަކި އިދާރާއަކަށް ދެވޭގޮތަށް ޤަވާއިދު ސަރުކާރުން ގެޒެޓުކޮށްފިއެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާ ވަނީ ގުރުއަތުލުން ނަގާފައެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ވަނީ ގޯޓީގެ ރަޖިސްޓްރީ މިއަދު ދޭން ފަށާނެކަމަށް ބުނެފައެވެ. މިހާރުގެ ޤަވާއިދު ބުނާގޮތުން ގޯޓިގެ ރަޖިސްޓްރީ ދެވޭނީ އެރަށެއްގެ ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށެވެ.

"ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު"އަށް ސަރުކާރުން ގެނައި ބަދަލު މިހާރު ވަނީ ގެޒެޓްކޮށްފައެވެ. އެގޮތުން މި ޤަވާއިދުގައި ބޯހިޔާވަހިކަމަށް ދޫކުރާ ގޯތީގެ ރަޖިސްޓޤރީ ސަރުކާރުން ކަނޑައަޅާ އިދާރާއަކަށް ދެވޭނެގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ގޯތީގެ ރަޖިސްޓްރީ ދޫކުރާނެ އިދާރާއަކީ ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލް، ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައ،ި ނުވަތަ ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްގީ ކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއެއްކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

އައު ޤަވާއިދު ބުނާގޮތުން ނުހިއްކާތަނަކުންވެސް ނުވަތަ އިން ނުކަނޑާތަނަކުންވެސް ގޯތި ދީ ރަޖިސްޓްރީ ހެއްދިދާނެއެވެ. ނުވަތަ ގޯތި ލިބޭކަމުގެ ލިޔުން ދެވިދާނެއެވެ.

ބިންވެރިޔާ ސްކޫލްގެ ދަށުން 9001 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ހިމެނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ރަޖިސްޓްރީ ހަވާލުކުރަން ފަށާނެކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުންޏެވެ. ނަމަވެސް އިދާރީ މަސައްކަތް ނުނިމޭތީ މިއަދު ދޫކުރަން ފަށާނެކަމަށް ބުންޏެވެ. ނަމަވެސް އަދި ރަޖިސްޓްރީ ދޫކުރަން ނުފަށައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *