ގާސިމަކީ ވައުދު ފުއްދަން އެނގޭ ބޭފުޅެއް: އަމީން

ގާސިމަކީ ވައުދު ފުއްދަން އެނގޭ ބޭފުޅެއް: އަމީން

Author
އަހުމަދު
26 އޮގަސްޓް 2023 08:50
0

ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަކީ ވައުދު ފުއްދަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމުގައި ގާސިމްގެ ރަނިންމޭޓު ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ލ. ގަން ތުނޑީ އަވަށުގައި ޖޭޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ ހުރިހާ ރައްޔިތުންގެ ހުރި މައްސަލަތަކަށް ހައްލު ހޯދައި ދޭނެ މެނިފެސްޓޯއެއް ރައްޔިތުންނަށް ހުށަހަޅާ ދީފައި ވަނީ ޖުމްހޫރީ ޕާޓީން ކަމަށެވެ. ގާސިމްގެ ތަރައްގީގެ އެޖެންޑާއަކީ މުސްތަގުބަލްގައި ދިވެހިންނަށް އުފާވެރިކަމާއި އުންމީދުގެ އިންގިލާބީ އެޖެންޑާއެއް ކަމަށް އަމީން ވިދާޅުވިއެވެ.

"އެ އެޖެންޑާ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެނީ ގޯތި ގެދޮރު. އެ އެޖެންޑާ އިން ތިޔަބޭފުޅުންނަށް ޔަގީންކޮށް ދެނީ ތިޔަބޭފުޅުންގެ ވަޒީފާ. އެ އެޖެންޑާ އިން ތިޔަބޭފުޅުންނަށް ކަށަވަރުކޮށް ދެނީ ތިޔަބޭފުޅުންގެ އާއިލީ ގުޅުންތަކާއި އެއްބަނޑު އެއްބަފާ ކުލުނު. އެ އެޖެންޑާ އިން ތިޔަބޭފުޅުންނަށް ޔަގީންކޮށްދެނީ މިނިވަންކަމާއި އިސްތިގުލާލް. ދިވެހިންނާއި ދިވެހިންގެ ވަހުދަތު. އެ އެޖެންޑާ އިން ޔަގީންކޮށް ދެނީ ތި އިން ކޮންމެ ބޭފުޅެއްގެ ޖީބަށް ތަނަވަސްކަމާއި އުފާވެރިކަމާއި ހިތްހަމަޖެހުން." އަމީން ވިދާޅުވިއެވެ.

އަމީންގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވީހާވެސް ގިނަ ރައްޔިތުންގެ ގާތަށް ގޮސް، ކެންޑިޑޭޓު ނަންބަރު ފަހަކަށް ވޯޓު ދެއްވުމަށާއި މެނިފެސްޓޯގައި ހުރި ކަންކަމުގެ ވާހަކަތައް ތަފްސީލްކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

އަމީން ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން، ތައުލީމީ ފެންވަރާއި ސިއްހީ ފެންވަރު ދަށްވެ، ދަނޑުވެރިކަމާއި މަސްވެރިކަން ވަނީ ފުނޑިފައެވެ. ގިނަ މީޑިއާތަކަށް ފައިސާ ދީގެން، އެ ތަންތަން ވެސް އޮތީ ކޮރަޕްޓުވެފައި ކަމަށް އަމީން ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާ ގުޅޭ ގޮތުން އޮތް ޔަގީންކަން ވެސް ދަށަށް ގޮސްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"އެހެންވީމަ މި ސަރުކާރު ވެރިކަމަށް ގެންނަން ވެގެން އަޅުގަނޑުމެންނަށް ހަގީގަތުގައި މި ލިބުނީ ކޮން އެއްޗެއްތޯ؟ ބޮޅެއް. ހަމަ ބޮޅެއް މި ލިބުނީ. އެހެންވީމަ އެބަ ޖެހޭ އާ ގޮތެއް ހޯދަން ޖެހޭ،" އަމީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.