ގޮނޑި ގެއްލުނު ސިނާން އަލުން ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީއަށް

ގޮނޑި ގެއްލުނު ސިނާން އަލުން ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީއަށް

Author
ހުސައިން
14 އޭޕްރިލް 2026 09:20
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދާދިފަހުން ގެއްލިވަޑައިގަތް މުހައްމަދު ސިނާން، އެ ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ސާބިތު ދަރަންޏެއް ނުދައްކައިގެން ސުޕްރީމް ކޯޓުގެ ހުކުމަކުން ސިނާންގެ ގޮނޑި ގެއްލިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށް ތާވަލުކޮށްފައެވެ. ސިނާން ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، އެ ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ވެރިކަންކުރާ ޕީއެންސީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޝަރުތު ހަމަވާ އަދި ޕާޓީގެ މިންގަނޑުތަކަށް ފެތޭ އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ، މި މަހުގެ 25 ވަނަ ދުވަހު އެތެރޭގެ ޕްރައިމަރީއެއް ބާއްވައިގެން ކެންޑިޑޭޓަކު ކަނޑައަޅާނެކަމަށްވެސް އެ ޕާޓީން މައުލޫމާތުދެއެވެ.

މި އިންތިޚާބުގެ ފޯރި ގަދަވަމުން އަންނައިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރެއްވުމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރުމަށް އިތުރު ދެ ބޭފުޅަކުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ވަނީ އެނގިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.