ފްލެޓްތައް ކުއްޔަށް ދެވޭ ގޮތަށް ސިޔާސަތަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ، ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ދޫކުރާ ފްލެޓުތައް އާންމު މީހާއަށް އާމްދަނީ ލިބޭނެ ގޮތަށް ކުއްޔަށް ދޫކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
އަޅުގަނޑުމެން ކުޑަ އަގުގައި މި ދެނީ އެބަޔަކު މުއްސަނދި ވާކަށް ނޫން، ރައްޔިތުންގެ ޓެކްސް ފައިސާގައި މިކަންކަން ކުރަނީ، އެބަޔަކަށް ބޯހިޔާވަހިކަން ހޯދާދިނުމަށްޓަކައި، އެބޭފުޅުން އެ އާމްދަނީއެއްގެ ގޮތަށް ބަދަލު ކުރާނަމަ އެ ފުރުސަތު އޮންނާނެ، އެހެން ނަމަވެސް ބޯހިޔާވެހިކަމެއް ނެތިގެން އެތަނަށް ވަންނަ މީހާއަށް ދައްކަން ޖެހޭ އެއްޗަކީ ކޮންމެވެސް ކޮންޓްރޯލް ނިޒާމެއްގެ ތެރޭގައި ވާން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން.
– ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުޑަ އަގުގައި ފްލެޓުތައް ދޫކުރަނީ ބަޔަކު މުއްސަނދިކުރުމަށް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަމަކު އެތަންތަން ކުއްޔަށް ދިނުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޯހިޔާވަހިކަމެއް ނެތިގެން ފްލެޓުތައް ކުއްޔަށް ނަގާ މީހުންނަށް އެތަންތަން ދޭންވާނީ ހަރުދަނާ ކޮންޓްރޯލް ނިޒާމެއްގެ ތެރެއިންކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ސަރުކާރުގައި އެކަންތައްތަކާ މެދު ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ރަނގަޅު ހުރިހާ ފަރާތަކަށް ފައިދާ ހުރި ގޮތަށް އެކަންކަން އަޅުގަނޑުމެން ނިންމާނަން.
– ފައްޔާޒް ވިދާޅުވިއެވެ.
މީގެ ކުރީ ސަރުކާރުންތަކުން ދޫކުރާ ފްލެޓުތައް ލިބޭ މީހުން ނޫން އެހެން ބަޔަކު ދިރިއުޅުމަށް އެތަންތަން ކުއްޔަށް ދޫކުރުމަކީ މާނާކަމެކެވެ. އެގޮތަށް އުސޫލު އޮތް ނަމަވެސް އެހެން ގެދޮރު ހުންނަ ބައެއް މީހުންގެ ފްލެޓުތައް ކުއްޔަށްދެއެވެ.
ކޮމެންޓު ފޮނުވާ