ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަންކޮށް، ހަތިޔާރު ގެންގުޅުމުގެ ބާރުދީ ބިލު ފާސްކޮށްފި

ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަންކޮށް، ހަތިޔާރު ގެންގުޅުމުގެ ބާރުދީ ބިލު ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 10:39
0

ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަން ކުރާ ގޮތަށާއި، ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރުދީ ފުލުހުންގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ބިލު ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާއިން ފާސްކޮށްފައިވާ ރިޕޯޓަށް ހުށަހެޅި އިސްލާހުތަކާއިވެސް އެކުގައެވެ. މަޖިލީހުން މިރޭ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 59 މެމްބަރުންގެ ވޯޓުންނެވެ.

ބިލަށް ހުށަހެޅުނު އިސްލަހުތަކުގެ ތެރެއިން ފާސްކުރި އެންމެ މުހިންމު އިސްލާހެއްގެ ގޮތުގައި އޮތީ ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަން ކުރުމަށް މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވި އިސްލާހެވެ. މިއިސްލާހާއިއެކު މަޖިލީހުން ވަނީ ބިލު ފާސްކޮށްފައެވެ. މިބިލުގެ މަސައްކަތް ކުރިއަށް ދިޔަ އިރުވެސް ފުލުހުންގެ ބައެއް މަޤާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއިމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުންވަނީ ސުވާލު އުފައްދަވާފައެވެ. އަދި އޭގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ނިކުތް ފުލުުހުންގެ އިސްސަފުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުން މިއަދުވެސް އެމަޤާމުތަކުގައި ތިބުމަކީ މެމްބަރުންގެ ކަންބޮޑުވުންތަކެކެވެ.

ބިލުގައި އެންމެބޮޑު ނުތަނަވަސްކަމެއް އުފެދުނު ފުލުހުންނަށް ލީތަލް ހަތިޔާރު ވެސްވަނީ މިބިލުން ދީފައެވެ. ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންނާއި މަތިކޮށްފައިވާ ކުށްކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް މިޤަނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ. މިޤާނޫނުގައި ފުލުހުނަށް ލީތަލް ހަތިޔާރާއި، ނޮން ލީތަލް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

މިބިލު ފާސްކޮށްފައިވާއިރު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ތިން ހައްގެއް ފުލުހުންނަށް ހަނިވެގެން ދެއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލުން ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކުރި ތިން ހައްޤަކީ:
1- ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގާއި،
2- ގާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިބިދޭ އިހްތިޖާޖް ކުުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރުމުގެ ހައްޤާއި،
3- ގާނޫނުއަސާސީގެ 32 މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު

މި ތިން ހައްގު ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު މިއީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭ ހައްގުތަކެކެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާނެކަމަށެވެ. އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް
މަސައްކަތްތެރީންނަށް ލިބިގެންވާކަމަށެވެ.

އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދެނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެލިބިގެންވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.