އިންޑިއާއިން ޖައްވައް ފޮނުވި ޗަންދުރަޔާން-3 ހަނދަށް ޖައްސައިފިއެވެ.
އިންޑިއާގެ ޖައްވީ އުޅަދު ހަނދުގެ ސައުދު ޕޯލްއަށް ތިރި ކުރުމާއެކު، އެގައުމު ވެގެންދިޔައީ ހަނދުގެ އެ ސަރަހައްދަށް ހަނދަށް އުޅަނދެއް ފޮނުވި ފުރަތަމަ ގައުމު ކަމުގައެވެ. އަދި އެގައުމު ވެގެން ގޮސްފައިވަނީ ހަނދަށް އުޅަދެއް ފޮނުވި ދުނިޔޭގެ 4 ވަނަ ގައުމުކަމުގައެވެ.
މިއަދު އިންޑިއާގެ ޖައްވީ އުޅަނދު ހަނދަށް ތިރި ކުރިއިރު، މީގެ ކުރިން މިހާތަނަށް ހަނދަށް ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު ފޮނުވާފައިވަނީ 1959 ވަނަ އަހަރު ރަޝިއާއިންނާއި، 1966 ވަނަ އަހަރު އެމެރިކާއިންނާއި، 2013 ވަނަ އަހަރު ޗައިނާއިންނެވެ.
އިންޑިއާގެ ޖައްވީ އުޅަނދު މިއަދު ކާމިޔާބުކަމާއެކު ހަނދަށް ތިރިކުރުމާއެކު އެގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯޑީ ވިދާޅުވެފައިވަނީ، އިންޑިއާގެ މި ކާމިޔާބު މިޝަން ނިސްބަތްވަނީ "މުޅި އިންސާނިއްޔަތަށް" ކަމުގައެވެ.
އިންޑިއާއިން ޖައްވަށް ފޮނުވި އުޅަދަށް ދީފައިވާ ނަން، ސާންސްކުރިތު ބަހުން "ޗަންދުރިޔާން-3″ ނަމަކުގެ މާނައަކީ "ހަނދު އުޅަނދު" (މޫންކްރާފްޓް) އެވެ.
މި އުޅަނދު ހަނދަށް ދިއުމަށް ބިމުން އުދުއްސާލާފައިވަނީ ފާއިތުވި ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ހަނދުގެ ސައުތު ޕޯލްއަކީ އަދި މިހާތަނަށް ދިރާސާ ކުރެވިފައިނުވާ ސަރަހައްދަކަށް ވާއިރު، މި ސަރަހައްދުގައި ގަނޑު ފެނާއި، އަގުބޮޑު މައުދަންގެ ބާވަތްތައް ހުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.
ޗަންދުރަޔާން-3 އުޅަނދު ހަނދަށް ޖައްސާ މަންޒަރު ބެލުމަށް އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން، އޮފީސްތަކާއި، ފިހާރަތަކާއި އަދި ރެސްޓޯރަންޓްތަކަށް ވަނީ ޖަމާވެފައެވެ.
އިންޑިއާއިން ކާމިޔާބުކަމާއެކު ހަނދަށް އުޅަނދެއް ފޮނުވުމާއި ގުޅިގެން ރައީސް ސާލިހުވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއަށް މަރުހަބާ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ