ނިމިދިޔަ ނޮވެމްބަރު މަހު ލޯބިވެރިޔާ ޓައިގާ ޝްރޮފާއި އެއް ރިސޯޓެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދިޝާ ޕަޓާނީ، ރާއްޖޭގެ ނޫވިލު މޫދުގައި މަސްތަކާއެކު ފީނާ ވީޑިއޯއެއް އޭނާގެ އިންސްޓަގްރާމްގައި އާންމުކޮށްފިއެވެ.
މިއަދު ދިޝާ ފޭނުންނަށް ދޫކޮށްލި މި ވީޑިއޯއަށް 3 ގަޑީރުތެރޭ 5 ލައްކައަށްވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މިއީ ދިޝާ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދުވަސްވަރު ނަގާފައިވާ މަންޒަރެކެވެ. މޫދު އަޑީގައި ނަގާފައިވާ މި ވީޑިއޯއިން ފެންނަނީ އޭނާ ވިލުނޫ މޫދެއްގައި، ފަޅުތެރޭ އައިން ހަދައިގެން އުޅޭ ބާވަތެއްގެ މަސްތަކަކާއެކު ފީނާ މަންޒަރެވެ.
"އާ ރައްޓެހިން ތަކެއް ހޯދާލަނީ" މިހެން ލިޔެ ބޯވައާއި ކޯމަހަކާއި މަހެއްގެ އެމޯޖީ އަކާއެކު ދިޝާ އޭނަގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓަށް ދޫކޮށްލި މި ވީޑިއޯއަށް 3 ގަޑިއިރުތެރޭ ދެ ހާހުން މަތިން ކޮމެންޓްވެސް ވަނީ ލިބިފައެވެ. އަދި ވީޑިއޯ އަޕްލޯޑް ކޮށްލިތާ ބައި ގަޑީރުތެރޭ، ޓައިގާ ޝްރޮފް އާއެކު ލައްކައަކަށްވުރެ ގިނަ މީހުން ވީޑިއޯއަށް ވަނީ ލައިކް ދީފައެވެ.
ޓައިގާއާއި ދިޝާ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ގިނަ ފޮޓޯތަކާއި ވީޑިއޯ ދެމީހުންގެ އިންސްޓަގްރާމްގައި ހިއްސާކުރިއިރު، ދެމީހުން އެކުގައި އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއްވެސް އާންމުކޮށްފައި ނުވެއެވެ. ނަމަވެސް ޗުއްޓީ ހޭދަކުރި ދުވަސްވަރުގެ ފޮޓޯތަކާއި ވީޑިއޯތަކަށް އެކަކު އަނެކަކުގެ އިންސްޓަގްރާމްގައި ކޮމެންޓްކޮށް ރިއެކްޓް ކޮށްފައި ވެއެވެ. މި ދެމީހުންވެސް އެއް ދުވަސްވަރެއްގައި ޗުއްޓީ ހޭދަކުރީ ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ.
ދިޝާގެ ފިލްމަކަށް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު ޝޫޓިންގެ ހުރިހާކަމެއް ނިންމާފައިވާ، ސަލްމާން ޚާންގެ ފިލްމު "ރާދޭ" އެވެ. މި ފިލްމުން ޓައިގާގެ ބައްޕަ، ޖެކީ ޝްރޮފްވެސް ފެނިގެންދާނެއެވެ.
ދިޝާ އާއި ޓައިގާ އެންމެ ފުރަތަމަ ބައްދަލުވީ 2017 ވަނަ އަހަރު ބާގީ-2 ގެ ސެޓުންނެވެ. އެއަށްފަހު މިއުޒިކް ވީޑިއޯ ބޭފިކްރާ އިން ވެސް ފޭނުންގެ ހިތްތައް ދެތަރިން ވަނީ އަތުލާފައެވެ. މި ދެތަރިންނަކީ ލޯބިވެރިން ކަމުގައި މުޅި ބޮލީވުޑުން ބަލައިގެންފައި އޮތް ނަމަވެސް ދެތަ ތަރިންކުރެ އެކަކުވެސް އަދި އެކަން ޔަގީން ކޮށްނުދެއެވެ.