އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތް ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭ: ތޮލާލް

އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތް ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭ: ތޮލާލް

ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ވަރަށް ފާޅުގައި ހިންގަމުންދާ މަސައްކަތް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާތަން ފެންނަ ކަމަށެވެ. ރަށްރަށުގައި ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒިފުން ބޭނުންކޮށް ނުފޫޒުން ކަންކަން ކުރަމުންދާކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާން ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައިވެސް، އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ކޮމަންވެލް އޮބްޒާވަރުގެ ޓީމުން އެކުލަވާލި ރިޕޯޓުގައިވެސް ވަރަށް ސާފުކޮށް ދައުލަތުގެ ނުފޫޒު ފޯރުވުކަން ހާމަކޮށްފައިވާކަމަށެވެ. ނަމަވެސް މިކަމަށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި ޖެހިގެން މިއަންނަ ރިޔާސީ އިންތިޚާބުގައިވެސް އެކަން ހަމަ އެމަގުން ތަކުރާރުވުމަކީ އިލެކްޝަނުން ޒިންމާދާރު ކަމާއިއެކު މަސައްކަތް ނުކުރާކަމުގެ ހެއްކެތް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުގައި ހަރަކާތްތެރިވާ މުވައްޒިފުންނަށް ވަކި ކުލައެއްގެ ވަކި ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ބާރު އަޅަމުންދާކަމަށެވެ. މުވައްޒިފުންނަށް ވަޒީފާގެ ބިރު ދެއްކުމާއި، އެތައް ވަޒީފާއެއް އަލަށް އުފެއްދުމާއި މިކަންކަމަކީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދާ ޢަމަލުތަކެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކީ މިނިވަން ކަމާއިއެކު ނުފޫޒުން އެއްކިބާވެފައި އޮތް އިންތިޚާބެއް ބޭއްވުން ކަމަށް ވާއިރު އެކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާއެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.

މީގެ އިތުރުން ތޮލާލް ވަނީ އިލެކްޝަންސް ކޮމިޝަން ސްޓެލްކޯގައި ހިންގާކަމުގެ މައުލޫމާތުވެސް ލިބެމުންދާކަމަށް ވިދާޅުވެފައެވެ. މިކަމުގެ މައުލޫމާތު ސްޓެލްކޯގެ ބައެއް މުވައްޒިފުންގެ ފަރާތުން ލިބިފައިވާކަމަށާއި، މިއީ ހުއްޓުވަން ޖެހޭ ކަންތައްތަކެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *